މަޖިލީހުގެ ރައީސްއާ ސިއްރުން ދައްކާނެ ވާހަކައެއް ނޯންނާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހުގައި ސިއްރުން ދައްކާނެ ވާހަކައެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި ތައްޔާރު ކުރި ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވީ ސިއްރު ރިޕޯޓެއްގެ ގޮތުގައެވެ. އެހެންވެ އެ ރިޕޯޓު ސިއްރު ކަމަށް ރައީސް ނަޝީދު އިއްޔެ މަޖިލީޙުގެ ޖަލްސާގައި ވިދާޅުވިއެވެ. ނަމަވެސް އޭސީސީއިން ފަހުން މީޑިއާ ތަކުގައި ވިދާޅުވީ އެއީ ސިއްރު ރިޕޯޓެއް ނޫން ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެ ރިޕޯޓު މަޖިލީހަށް ލިބުން އިރު އޭގެ ބޭރުގައި ސިއްރު ޖަހާފައި އޮތް ކަމަށެވެ. އެހެންނަމަވެސް މިއަދު އެނގުނު ގޮތުން ސިއްރުވެފައި އޮތީ ސިޓީ އެކަނި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ސިޓީގެ ބޭރުގައި ވިއްޔަ ޖަހާފައި އޮތީ. އޭސީސީއިން އެބައޮތް ވިދާޅުވެފައި އެއީ ސިއްރެއް ނޫނޭ. އެހެންވީމަ އަޅުގަނޑު މިދެކެނީ އެ ސިޓީއޭ އެ އޮތީ ސިއްރުވެފައި. ރިޕޯޓު އެއޮތީ ނެރެވިފައި." ނަޝީދު ވިދާޅުވިއެވެ.

http://sun.mv/131649

ނަޝީދު ވިދާޅުވީ ސިއްރު ޖަހާފައި ރިޕޯޓުތައް ތަންތަނުން މަޖިލީހަށް ފޮނުވުމަކީ އެމަނިކުފާނު ވަރަށް ހިތްނުރުހޭ ކަމެއް ކަމަށެވެ. އަދި ސިއްރު ޖަހާފައި ތަކެތި ފޮނުވި ނަމަވެސް އެ ސިރު މިނުގައި މަޖިލީހުގެ 87 މެމްބަރުންނަށް އެ ހިއްސާ ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ކައިރީގައި އެކަނި ދައްކާނެ ސިއްރު ވާހަކައެއް މި މަޖިލީހަކު ނޯންނާނެ. ސަރުކާރުގެ އެއްވެސް ބޭފުޅަކުވެސް. ދައުލަތުގެ އެއްވެސް ބޭފުޅަކުވެސް. މަޖިލީހުގެ ރައީސް ކައިރިއަކު ސިއްރުން ވާހަކައެއް ދައްކަވައިގެން ނުވާނެ. އަޅުގަނޑަށް އެނގޭ ވާހަކައެއް ވެއްޖެއްޔާ 87 މެމްބަރުންނަށް ހަމަ ސިއްރުން އަޅުގަނޑު ދަންނަވާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް