އެމެރިކާއާއި ތާލިބާނުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރަނީ

ޓްރަމްޕާއި ތާލިބާނުންގެ ލީޑަރު މުއްލާ މައުލަވީ ހިބަތުﷲ އަޚުންޒާދާ

ކާބުލް (18 ފެބްރުއަރީ 2020): އަފްޣާނިސްތާނަށް ސުލްޙަ ގެނައުމުގެ އެއްބަސްވުމެއްގައި މިމަހުގެ ފަހުކޮޅު އެމެރިކާއާއެކު ސޮއިކުރާނެކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ.

ގަތަރުގައި ހުންނަ ތާލިބާނުންގެ ސިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއާއެކު ސޮއިކުރާ ސުލްހައިގެ އެއްބަސްވުން ބިނާކޮށްފައިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ބޭލުމުގެ މައްޗަށް ކަމުގައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އދއާއި އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީއާއި ޔޫރަޕްގެ އިއްތިޙާދާ އަދި އަފްޣާނިސްތާނުގެ އަވަށްޓެރި ގައުމުތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް ތާލިބާނުންގެ ބަޔާން ބުނެއެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް އަބްދުލްޣަނީ ދާދި ފަހުން ވަނީ އެމެރިކާއާއި ތާލިބާނުން ދައްކަމުން ގެންދާ ސުލްހައިގެ ވާހަކަތަކުން ފާހަގަކުރެވޭ ވަރުގެ ކުރިއެރުންތަކެއް ލިބިފައިވާކަމުގެ މައުލޫމާތު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އޭނާއާ ހިއްސާ ކުރެއްވި ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އަފްޣާނިސްތާނަށް ފޮނުވާފައިވާ އެމެރިކާގެ 13000 މީހުން އަނބުރައި ގައުމަށް ގެނައުމަކީ އޭނާގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ބައެއް ކަމަށް ހައްދަވާފައެވެ. އެމެރިކާއިން ތާލިބާނުންނާއެކު ކުރިޔަށް ގެންދާ ސުލްހައިގެ ވާހަކަތައް ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުން ތާލިބާނުން ހަނގުރާމަ ހުއްޓާލުމެވެ. ތާލިބާނުންވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ބާލާ ގޮތަށް މެނުވީ އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިނުކުރާނެކަމަށް ބުނެފައެވެ.

އެމެރިކާއިން ތާލިބާނުންނާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަކީ ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމަށް ޓްރަމްޕް ކުރައްވާ މަސައްކަތް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. ތާލިބާނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމުން އަފްޣާން ސަރުކާރާއި ތާލިބާނުންނާ ދެމެދު ހަނގުރާމައިގެ އަސީރުން މިނިވަންކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަންވެސް ހާމަކޮށްފައެވެ. މި މަސައްކަތުގެ ދަށުން ތާލިބާނުން އަފްޣާން ސިފައިންގެ އެއްހާސް އަސީރުން މިނިވަންކުރާއިރު އަފްޣާން ސަރުކާރުން ތާލިބާނުންގެ ފަސްހާސް އަސީރުން މިނިވަންކުރާނެކަމަށް އެ ބަޔާން ބުނެއެވެ.

އަނެއްކޮޅުން ތާލިބާނުންނާ އެމެރިކާ ކުރިޔަށް ގެންދާ ސުލްހައިގެ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވާ ވަފްދުގެ ވެރިޔާ ޒަލްމާއި ޚަލީލް ޒާދު ވަނީ އެދެފަރާތުގެ ސުލްޙައިގެ އެއްބަސްވުމަށްފަހު ތާލިބާނުންނާއި އަފްޣާން ސަރުކާރާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ވިދާޅުވެފައެވެ. ތާލިބާނުން މިހާތަނަށް ގެންދިޔައީ އަފްޣާން ސަރުކާރާއެކު ސުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދަން ދެކޮޅު ހަދަމުންނެވެ. މިހާރުވެސް އަފްޣާން ސަރުކާރާއެކު ސުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދަން ނިންމާފައިވާކަން ތާލިބާނުން ކަށަވަރުކޮށެއް ނުދެއެވެ.

ތާލިބާނުންނާ ސުލްޙަވުމަށް އެމެރިކާ ނިންމީ އަފްޣާނިސްތާނުގައި 18 އަހަރުވަންދެން ހަނގުރާމަ ކޮށްގެންވެސް ތާލިބާނުން ބަލިކުރުމުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިޔާ ނޭޓޯ ނާކާމިޔާބުވުމުންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް