ފަޅުމަތީގައި ގެ އަޅައިގެން ދިރިއުޅެން ވިސްނުން ގެންގުޅުން މުހިންމު: އަސްލަމް

މިއަދު މަޖިލީޙުގެ ޖަލްސާގައި މިނިސްޓަރު މުހައްމަދު އަސްލަމް --- ފޮޓޯ/ މަޖިލިސް

ފަޅުތަރޭގައި ގެ އަޅައިގެން ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗަ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރަކު ކުރި ސުވާލަށް ޖަވާބު ދެމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގައި ބިމުގެ ގޮތުގެ ބަލަން ޖެހޭނީ ފެނުން އެއް މީޓަރު މައްޗަށް އޮންނަ ބައި އެކަނި ނޫން ކަމަށެވެ. ފެނުން އެއް މީޓަރު އަޑިއަށް އޮންނަ ބަޔަކީވެސް ބިން ގޮތުގައި ބަލަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ފަޅު މަތީގައި ގެ އަޅައިގެން ދިރިއުޅުމުގެ ވިސްނުމަކީ ގެންގުޅެން ޖެހޭ ވިސްނުމެއް ކަމަށެވެ. އަދި ފަޅުމަތީގައި ގެ އަޅައިގެން ދިރިއުޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފެންނަ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

"ދެން އިންފްރާންސްޓްރަކްޗާ ސަރުކާރުން ބިލްޑް ކުރާނީ ފަޅުމަތީގައި. އެއީ ނުހިއްކާ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތަކަށް. އެއީ މި ދިވެހިރާއްޖޭގައި ޔޫރަޕު މީހުން އުޅެނީ ހަމަ ގައިމުވެސް އެކަހަލަ ތަންތަނުގައި. އެމީހުން އުޅެން ބޭނުންވަނީވެސް އެކަހަލަ ތަންތަނުގައި." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ހިސާބު ޖަހާ އަގުކުރަން ޖެހޭ ބޮޑު ކަމެއް ނަމަވެސް އެއީ ގެންގުޅެން ޖެހޭ ހިޔާލެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. މިނިސްޓަރު އަސްލަމްގެ އެ ހިޔާލާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތީ އިތުރަށް އެ ހިޔާލު ކުލަކޮށް ސިފަވާގޮތަށް ކިޔަައިދެއްވުމަށެވެ.

އެއާއެކު އަސްލަމް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެކަން ނުކުރެވޭނެ ކަމަށެވެ. އެކަމަކު ކުރެވޭނެ ރަށްތައް އެބަހުރި ކަމަށެވެ. އެގޮތުން އެއް ފަޅެއްގައި ގިނަ ރަށްތަކެއް އޮތް ބޮޑެތި ފަޅުތައް ހުރި ތަންތަން އެގޮތަށް ބަަދަލުކުރެވިދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެ ފަޅުތަކުގައި އަޅުގަނޑުމެންނަށް ހަމަ ގޯތި ކަނޑާފައި. ޕްލޭނެއްގެ ދަށުން ގޯތި ކަނޑާފައި ގޯތި ދޫކުރެވޭނޭ. ސަރުކާރުން އިންފްރާންސްޓްރަކްޗާގެ ގޮތުގައި ބިނާކޮށްދޭން ޖެހޭނީ މަގުތަކޭ. ފެނާ ނަރުދަމާއެ އަޅާދޭން ޖެހޭނީ. ދެން ހުންނާނީ އެކަން ކުރުމުގައި ހުންނަ ޑިވެލޮޕްމެންޓް ކޮންޓްރޯލް ތަކެކޭ." މިނިސްޓަރު އަސްލަން ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމްގެ އެވާހަކަފުޅާ އެކު މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ހުރިހާ މެމްބަރުން "އޯވާ ވޯޓާ ދިރިއުޅުމަށް" ތައްޔާރުވެވަޑައި ގަތުމަށެވެ.

ޕްލޭނިންގް މިނިސްޓަރު އަސްލަމް ވިދާޅުވީ ބިން ހިއްކުމަކީ ކުރަން އެންމެ ރަނގަޅު ކަމެއް ނޫން ކަމަށާއި، އެކަމަކު ކުރަން ޖެހުނީމަ ކުރަނީ ކަމަށެވެ. ބިންހިއްކުމަކީ ތަރައްގީ ކަމަށް ދެކިގެން ވަރަށް ގިނަ ރައްޔިތުން އެކަމަށް އެދެމުން ދާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

"އެހެންނަމަވެސް ވިސްނާލީމަ އެނގޭނެ އަޅުގަނޑުމެންނަށް ހިއްކާފައި ހުރި ގިނަ ބިން ހުރީ ހަމަ ސަހަރާތަކެއްގެ ގޮތުގައި. ހުސްބިންތައް އޮތީ. ފައިސާ އަޅާލީ ބައިވަރު ވެލީގެ ގޮތުގައި." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

comment ކޮމެންޓް