ރާއްޖެ އިޝްތިހާރު ކުރަން މިފަހަރު ސްޕެއިންގެ ނޫސްވެރިން

ރާއްޖެ އިޝްތިހާރު ކުރަން އައި ނޫސްވެރިންގެ ޓީމު-- ފޮޓޯ/އެމްއެމްޕީއާރުސީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ސެޕްއިންގެ ތަޖުރިބާކާރު ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މިއީ އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި މިއަހަރު ކުރިއަށްގެންދާ ސިލްސިލާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ.

އެމްއެމްޕީއާރުސީން ބުނީ ރާއްޖެއަށް އައި ސްޕެއިންގެ ނޫސްވެރިންނަކީ ދެވިއަހެސް، މީޓް އިން، އެލް ޕެރިއޮދިކޯ، ސިންކޯ ވިއަހް އަދި ލަވަންގުއާދިއާ ފަދަ އެގައުމުގެ ޓްރެވަލް ނޫސްތަކުގައި މަސައްކަތްކުރާ ނޫސްވެރިން ކަމަށެވެ.

މި ޓީމު ރާއްޖޭގައި ހޭދަކުރާ ފަސް ދުވަހުގެ ދަތުރުގައި ތިބޭނީ ސީކްރެޓް ޕެރަޑައިސްއިން ހަމަޖައްސާފައިވާ ކ. ގުރައިދޫ ޕާމް އިން ގެސްޓްހައުސްއާއި ދަ ރެސިޑެންސް މޯލްޑިވްސް އަދި ފިނޮޅު މޯލްޑިވްސް ރިސޯޓުގަ އެވެ.

މި ދަތުރުގައި ނޫސްވެރިންގެ ޓީމަށް ރާއްޖޭގެ ސަގާފަތާއި ރީތިކަން ތަޖުރީބާކޮށްލުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފަ އެވެ. އެގޮތުން ގެސްޓްހައުސްއިންނާއި ކޮންމެ ރިސޯޓަކުން ވެސް ލިބެން ހުންނަ ތަފާތު ހިދުމަތްތަކާއި ކެއުންތަކުގެ އިތުރުން ސްޕާގެ ހިދުމަތް ވެސް އެ ޓީމުން ތަޖުރިބާ ކުރާނެ އެވެ.

މިކަންކަން ތަޖުރިބާ ކުރުމަށްފަހު ނޫސްވެރިންގެ ޓީމުން މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެކަންކަމާ ގުޅޭ ލިޔުންތައް ޝާއިއުކުރާނެއެވެ.

ސްޕެއިންއިން މިދިޔަ އަހަރު ރާއްޖެއަށް އައި 36،064 ފަތުރުވެރިންނާއެކު އެގައުމަކީ މިދިޔަ އަހަރު 12 ވަނައަށް އެންމެ ގިނައިން ރާއްެއަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އަދި މިއީ 2018 ވަނަ އަހަރު އެގައުމުން އައި ފަތުރުވެރިންގެ އަދަދަށްވުރެ 13.5 ޕަސެންޓު އިތުރު އަދަދެކެވެ.

މިއަހަރު ސެޕްއިންގެ މާކެޓަށް ހާއްސަކޮށްގެން އެމްއެމްޕީއާރުސީން އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

މިދިޔަ މަހު ސްޕެއިންގައި ބާއްވާ އެންމެ ބޮޑު ފެއާ، ފިތޫރުގައި ވެސް ރާއްޖެ ވަނީ އިޝްތިހާރު ކޮށްފަ އެވެ.

comment ކޮމެންޓް