މޫސުމީ ބަދަލުތަކަށް އެހީވާން ޖެފް 10 ބިލިއަން ޑޮލަރު ހަރަދު ކުރަނީ

އެމޭޒަންގެ ސީއީއޯ ޖެފް ބޭޒޯސް --- ފޮޓޯ : ދަ ވާޖް

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން އެމޭޒަންގެ ސީއީއޯ ޖެފް ބޭޒޯސް، ހާއްސަ ފަންޑެއް ގާއިމުކޮށް 10 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް ނިންމައިފި އެވެ.

ބޭޒޯސްގެ "އާތު ފަންޑު" ނަމަކަށް ކިޔާ ފަންޑު ގާއިމުކޮށް 10 ބިލިއަންގެ ބޮޑު ޑޮނޭޝަނެއް ކުރުމަށް ނިންމާފައިވާކަން އޭނާ އިއުލާނުކޮށްފައިވަނީ އިންސްޓަގްރާމްގައެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ސީރިއަސް އަދި ނުރައްކާތެރި ބަދަލެއް ކަމުގައި ސިފަކުރައްވާ ޖެފް ވިދާޅުވަނީ އެ 10 ބިލިއަން ޑޮލަރު ހަރަދު ކުރާނީ މޫސުމަށް އަންނަ ބަދަލަށް އެހީތެރިކަން ފޯރުކޮށްދޭ އެކި ދާއިރާތަކަށް ކަމަށެވެ. އެގޮތުން ސައިންޓިސްޓުންނާއި އެކްޓިވިސްޓުންގެ އިތުރުން ޖަމިއްޔާތަކަށް އެ ފައިސާ ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

ބޭޒޯސް އެ ފަންޑާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެކި ގައުމުތަކުން ވަނީ ކްލައިމެޓް އިމާޖެންސީއެއްވެސް އިއުލާނުކޮށްފައެވެ. ރާއްޖެއިންވެސް ވަނީ ކްލައިމެޓް އިމާޖެންސީއެއް އިއުލާނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ.

comment ކޮމެންޓް