ބޯޑް ބަދަލުކޮށްގެން ވިޔަސް، ޓާމިނަލްއާ މެދު ސަރުކާރުގެ ނިންމުން ތަންފީޒު ކުރާނެ: އަމީރު

މިރޭ ކޮމިޓީގައި އަމީރު ވާހަކަ ދައްކަވަނީ:

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު ބަދަލުކޮށްގެން ނަމަވެސް، އާ ސީޕްލޭން ޓާމިނަލް ދޫކުރަން ސަރުކާރުން ނިންމި ގޮތް ތަންފީޒު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ މަޝްރޫއުގެ ދަށުން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ހިންގާނެ ބަޔަކާ ގުޅޭ ބަހުސް ބޮޑުވެފަައިވަނިކޮށް ފިނޭންސް މިނިސްޓްރީން ވަނީ ޓާމިނާލް ދޫކުރާނެ ގޮތްތަކެއް މިމަހުގެ ފަސް ވަނަ ދުވަހު ކަނޑައަޅައި އެކަން އެމްއޭސީއެލްއަށް އަންގައިފަ އެވެ.

އެގޮތުން ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަށް ބިން ދޫކޮށްފައިވާ އަގަށް އާ ސީޕްލޭން ޓާމިނަލުން 6300 އަކަމީޓަރު، މިހާރުވެސް ބިން ދީފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އެ ކުންފުންޏަށް ދޫކުރަން ނިންމި އެވެ. އަދި އެހެން އޮޕަރެޓަރުންނަށް ވެސް ހަމަ މިހާރު ދޫކޮށްފައިވާ ޖާގައަށް ތަން ކުއްޔަށް ދޭން ނިންމި އެވެ.

ފިނޭންސް މިނިސްޓަރު އަމީރުގެ އެދިލެއްވުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުުގައި މިނިސްޓަރު އަމީރު ވިދާޅުވީ، މިހާރު ސަރުކާރުން ނިންމާފައި އެވަނީ އެންމެ އިންސާފުވެރިކޮށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އަދި އެކަން ތަންފީޒު ކުރުމަށް އެމްއޭސީއެލްގެ ބޯޑުން ދެކޮޅު ހަދާނަމަ އެ ކުންފުނީގެ ބޯޑުގެ ބޭފުޅުން ވަކި ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް އަމީރު ވިދާވި އެވެ.

"އަޅުގަނޑު ޔަގީންކަން ދެން ސަރުކާރުން [ޓާމިނަލް މައްސަލައިގައި] ހުށަހަޅާފައިވާ ހުށަހެޅުމަށް އެމްއޭސީއެލްގެ މިހާރުގެ ބޯޑު ކުރިއަށްދާނެ ކަން. ކުރިއަށް ނުގެންދާނަމަ، ބޯޑު ބަދަލުކޮށްގެންވެސް އެ މަސައްކަތް ކުރާނަން،" ދާންދޫ ދާއިރާ މެމްބަރު އަބްދުﷲ ޔައުގޫބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުގައި ނިންމާފައި އޮތީ، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ބެއިން ކެޕިޓަލަށް ޓީއެމްއޭއަށް އާ ޓާމިނަލް ހިންގަން ދޭން ކަމަށެވެ. އޭރުގެ ސަރުކާރުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖުމަންޓުން ވެސް އެކަމަށް ރުހުން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު އެ ނިންމުމަކީ އެންމެ ރަނގަޅު ގޮތަށް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އޭރުގެ ނިންމުން ނިންމި ގޮތާ ގުޅިގެން ޖިނާއީ ތަހީގީގެއް ހިންގިދާނެ ކަމަށެވެ.

"އެހެން ވީމަ އަޅުގަނޑު ގޮވާލަން ކުރިން އަޅުގަނޑު ފާހަގަ ކުރިހެން މި ކަންތައްތަކުގައި ޖިނާއީ ތަހުގީގެއްކޮށް، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަތައްތަކެއް ކުރެވިފައިވާ ނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެން ސަރުކާރު ބޭނުންވާ ކަމެއް،" އަމީރު ވިދާޅުވި އެވެ.

"[ބެއިން ކެޕިޓަލްގެ] ބޭފުޅުން ވިދާޅުވަނީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލް ހިންގަން އުޅުއްވި އިސް ބޭފުޅުން އާ ޓާމިނަލް ދޭނެ ކަމުގެ ކޮމިޓްމަންޓް ދެއްވި ކަމަށް،"

އަމީރު ވިދާޅުވީ، އޭރު ކުރެވުނު މުއާމަލާތްތަކުގައި އެގްރީމަންޓެއް ހެދިފައި ނުވާ ކަމަށެވެ. އެހެން ކަމުން މިކަމުގައި ބަދަލު ހޯދުމަށް ޓީއެމްއޭއިން އެ މައްސަލަ އާބިޓްރޭޝަނަށް ދިޔުމުގެ އެއްވެސް ގްރައުންޑެއް ނެތް ކަމަށް ދެކޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް