ފަހު ވަގުތަށް މަޑުނުކޮށް، ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅަން ޑީޖޭއޭ އިން އެދިއްޖެ

އަންނަ މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން، ލަސްނުކޮށް ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިލްތިމާސްކޮށްފިއެވެ.

އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ޑީޖޭއޭ އިން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދީފައެވެ.

އެގޮތުން ދަށުކޯޓުތަކުން ސާފުކުރަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ހަފްތާގެ ކޮންމެ ދުވަހަކު އެ އެޑްމިނިސްޓްރޭޝަނުން ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ޑީޖޭއޭ އިން މިއަދު ބުނީ ރެކޯޑު ސާފުކުރުމަށް ޑިޖޭއޭ އަށް ފޯމު ހުށަހަޅާއިރު، އެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހުގެ ކުރީ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ޑިޕާޓްމަންޓަށް ހުށަހަޅަން އިލްތިމާސް ކުރާ ކަމަށެވެ.

ޑީޖޭއޭ އިން އެގޮތަށް އިލްތިމާސް ކޮށްފައި ވަނީ އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހުގައި ރެކޯޑު ސާފުކުރުމަށް ފޯމު ހުށަހަޅައިފިނަމަ، ކޯޓުތަކުން ރެކޯޑު ސާފުކޮށްް އެ ތާރީހަށް ފޯމު ހަވާލުކުރެވިދާނެކަމުގެ އިހްތިމާލު އޮތުމުންނެވެ.

ރެކޯޑު ސާފުކުރުމުގެ ކަންކަން ކުރިއަށް ދަނީ ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް 8:00 އިން ހަވީރު 4:30 އާ ހަމައަށެވެ.

ހުކުރު ދުވަހު 2:30 އިން ހަވީރު 5:00 އަށް އެ ހިދުމަތް ފޯރުކޮށްދޭއިރު ހޮނިހިރު ދުވަހު އެ ހިދުމަތް ފޯރުކޮށްދޭނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:30 އަށެވެ.

ކައުންސިލު އިންތިހާބު އަދި އަންހެނުން ކުރިއަރުވާ ކޮމިޓީގެ އިންތިހާބު ލޯންޗުކޮށް އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާއިރު އަންހެނުން ކުރިއަރުވާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24ގެ ނިޔަލަށް ހުޅުވާލާފައި ހުންނާނެއެވެ.

މިއަހަރުގެ އިންތިހާބުގައި 6،000 އެއްހާ ކެނޑިޑޭޓުން ބައިވެރިވާނެ ކަމަށް އިލެކްޝަންސް އިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް