ވޫހާން އިން ނެރެ އިންޑިއާގައި ކަރަންޓީނު ކުރި 7 ދިވެހިން މާދަމާ ރާއްޖެ އަންނަނީ

ވޫހާންގައި ތިބި ހަތް ދިވެހީން ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ/ ސިދްހާންތް ސިބާލް (ޓްވިޓާ)

ކޮވިޑް-19 ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީން ނެރެގެން އިންޑިއާގައި ކަރަންޓީނު ކުރި ހަތް ދިވެހިންގެ ކަރަންޓީނު މުއްދަތު ހަމަވެ، އެމީހުން މާދަމާ ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާގެ ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައި ކަރަންޓީނުކުރި ދިވެހިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖެކެވެ.

އެމީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވެފައި ވަނީ މިއަދެވެ. މާދަމާ އެމީހުން ރާއްޖެ އަންނާނެކަން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އެމީހުން ކަރަންޓީނު ކުރީ އިންޑިއާ ސަރުކާރުން ވޫހާންގައި ތިބި އެ ގައުމުގެ 323 ރައްޔިތުން އެނބުރި ގައުމަށް ގެނައުމަށްޓަކައި ހަމަޖެއްސި އެއާ އިންޑިއާ ފްލައިޓުގައި އިންޑިއާއަށް ގެންދިއުމަށްފަހުގަ އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި އެ ފެސިލިޓީގައި ހުރި ދިވެއްސަކު ވަނީ އެ މަރުކަޒުގެ ހިދުމަތްތަކުގެ ކުރު ހުލާސާއެއް އާންމުކޮށްފަ އެވެ.

އެގޮތުން އެތަނުގެ ހިދުމަތްތައް ވަރަށް ފުރިހަމަ ކަމަށާއި ކޮންމެ ދުވަހަކު ވެސް ޑޮކްޓަރުން އައިސް މެޑިކަލް ޗެކަޕް ހަދާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެމީހުން ކަރަންޓީނު ކުރީ ހަ އެނދުގެ ޖާގަ ހުންނަ ފެމިލީ ރޫމެއްގަ އެވެ.

comment ކޮމެންޓް