އެމްއޭސީއެލް އިން ޓާމިނަލް ހިންގުމުގެ ވިސްނުމެއް ނުގެންގުޅޭ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ -- ސަން ފޮޓޯ/ ފަޔާޒުމޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ އާ ސީޕްލޭން ޓާމިނަލް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގުމުގެ ވިސްނުމެއް އެ ކުންފުނިން ނުގެންގުޅޭ ކަމަށާއި، އެމްއޭސީއެލް އިން ވިސްނުން ގެންގުޅެނީ ސީޕްލޭން އޮޕަރޭޓަރުންނަށް ޓާމިނަލް ހިންގަން ހަވާލުކުރަން ކަމަށް ބެލެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ.

ޓާމިނަލް މައްސަލައިގައި އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު އެކުލަވައިލި ރިޕޯޓު މިހާރު ވަނީ އާންމުކޮށްފައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީގެ މަޝްރޫއުގެ ދަށުން ހާހެއްހާ މުވައްޒަފުން ތަމްރީނުކޮށް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި، ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަން އެމްއޭސީއެލްއިން ނަގަންވާނީ، އެ އޮޕަރޭޝަނަށް ހީނަރުކަމެއް ނާންނާނެހެން ކަމަށް އެމްއޭސީއެލްގެ ސިޓީއެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އާ ސީޕްލޭން ޓާމިނަލް އިމާރާތްކުރުމުގެ މަޝްރޫއު އެމްއޭސީއެލް އިން ފަށާފައި ވަނީ 14 ސެޕްޓެމްބަރު 2017 ގައި ކަމަށް ވާއިރު، ޓާމިނަލް ހިންގަން ދުރާލާ ތައްޔާރުވެގެން މުވައްޒަފުން ތައްޔާރުކުރި ނަމަ، އެ ޓާމިނަލް ހުޅުވަން ވާއިރަށް އާ މުވައްޒަފުން ތަމްރީނުކޮށްގެން އެމްއޭސީއެލް އަށް ތައްޔާރު ވެވުނީސްކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް އޮޕަރޭޓުކުރާނެ މޮޑެލްއެއް އެމްއޭސީއެލް އިން މިހާތަނަށް ތައްޔާރުކޮށްފައި ނުވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

އޭސީސީން ބުނީ އެފަދަ މޮޑެލް އެއް ތައްޔާރުކޮށްފައި ނުވަނީ އެމްއޭސީއެލް އިން އާ ސީޕްލޭން ޓާމިނަލް ހިންގަން ދުރާލާ ތައްޔާރުވެގެން މުވައްޒަފުން ނަގައި، ތަމްރީނުކޮށްފައި ނުވާތީކަމަށެވެ.

އެހެންކަމުން އާ ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ހިންގުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅެފައި ނުވާކަމާއި، އެމްއޭސީއެލް އިން އެންމެ ކުރީއްސުރެ ވިސްނުން ގެންގުޅެފައިވަނީ ސީޕްލޭން އޮޕަރޭޓަރުންނަށް އާ ސީޕްލޭން ޓާމިނަލް ހިންގަން ހަވާލުކުރަން ކަމަށް ބެލެވޭ އޭސީސީގެ ރިޕޯޓުގައިވެއެވެ.

އޭސީސީން ބުނީ އެމްއޭސީއެލްގެ ސިޓީއެއްގައި، އާ ސީޕްލޭން ޓާމިނަލް ހިންގުމުގެ މަސައްކަތް އެމްއޭސީއެލްގެ ދަށަށް ގެނައުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ތިން އަހަރު ދުވަސް ކަނޑައަޅާފައި ވީނަމަވެސް، އެމްއޭސީއެލް ފަދަ ތަޖުރިބާކާރު އަދި ބޮޑު ކުންފުންޏަކަށް އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އެފަދަ ތައްޔާރީތައް ވެވިދާނެ ކަމަށް ތަހުގީގަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އެ ސިޓީގައި ތިން އަހަރު ދުވަހުގެ މުއްދަތެއް ހުށަހަޅާފައި ވަނީ އާ ސީޕްލޭން ޓާމިނަލުން ސީޕްލޭން އޮޕަރޭޓަރުންނަށް ބޮޑެތި ޖާގަތައް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ކުޑަ ރޭޓުގައި ވީހާވެސް ގިނަ ދުވަހަކަށް ދިނުމުގެ ބޭނުމުގައި ކަމަށް އޭސީސީން ތުހުމަތުކުރެއެވެ.

އާ ސީޕްލޭން ޓާމިނަލް ހިންގާނެ ގޮތަކާމެދު ރިސޯޓު ހިންގާ ކުންފުނިތަކުގެ ހިޔާލު ހޯދުމަށް ޖުލައި 2019ގައި އެމްއޭސީއެލް އިން ވަނީ ކޮންސްޓަންސް، ޔުނިވާސަލް ގްރޫޕް، އަނަންތާރާ، ކަނުހުރާ އަދި ޑަބްލިއު މޯލްޑިވްސް އާއެކު ބައްދަލުވުންތަކެއް ބާއްވައިފައެވެ.

އެ ބައްދަލުވުންތަކުގެ ޔައުމިއްޔާތަކާ ހަވާލާދީ އޭސީސީން ބުނެފައި ވަނީ ކަނުހުރާ ފިޔަވައި އެހެން ހުރިހާ ރިސޯޓަކުން ވެސް އެމްއޭސީއެލް އިން އާ ސީޕްލޭން ޓާމިނަލް ހިންގަން ބޭނުންވާކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެއީ ސީޕްލޭން އޮޕަރޭޓަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމަށާއި، އެކަށީގެންވާ އަގެއްގައި ހިދުމަތްތައް ލިބިގަތުމމުގެ ބޭނުމުގައިކަން ބަޔާންކޮށްފައިވާ ކަމަށެވެ.

ކަނުހުރާއިން ބުނެފައިވަނީ، ކަނުހުރާއިން އެދޭ ކަންތައްތައް ފުރިހަމަ ވާނަމަ، ކޮންމެ ބަޔަކު ސީޕްލޭން ޓާމިނަލް ހިންގި ނަމަވެސް ކަނުހުރާއަށް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދިނުމަށް އެމްއޭސީއެލް އިން އެއްބަސްވުމެއް ޑްރާފްޓުކޮށް، ޓީއެމްއޭއާ ހިއްސާކޮށް އެ ޑްރާފްޓް ފައިނަލް ކޮށްފައިވާ ކަމާއި، އަދި އެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭގޮތުން ދެފަރާތުން ފޯނުން ގުޅައި މުއާމަލާތްކޮށްފައިވާކަން ދެ ކުންފުނީގެ މުވައްޒަފުންގެ ދެމެދުގައި އީމެއިލް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވާ މުއާމަލާތްތަކުން އެނގޭކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

އެ ޑްރާފްޓް އެއްބަސްވުމުގައި ވަނީ އާ ސީޕްލޭން ޓާމިނަލް 15 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރުމަށެވެ. ނަމަވެސް އެފަދަ އެއްބަސްވުމެއްގައި މިހާތަނަށް އަދި ސޮއިކޮށްފައެއް ނުވެއެވެ. އެއްބަސްވުމުގައި ސޮއި ކޮށްފައި ނުވި ނަމަވެސް، އެފަދަ އެއްބަސްވުމެއް ޑްރާފްޓްކޮށްފައިވަނީ ހަމައެކަނި ޓީއެމްއޭ އާއެކު އެވެ.

އެހެންކަމުން އެއީ ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭއަށް ނުއަގުގައި ކުއްޔަށްދީ، ޓީއެމްއޭއަށް ނާޖާއިޒް ފައިދާއެއް ހޯދައިދޭން ކޮށްފައިވާ ކަމެއް ކަމަށް އޭސީސީން ވަނީ ތުހުމަތުކޮށްފައެވެ.

އާ ސީޕްލޭން ޓާމިނަލް އޮޕަރޭޓުކުރާނެ މޮޑެލް އެއް މިހާތަނަށް އެމްއޭސީއެލް އިން ނިންމާފައި ނުވާތީ، ޓާމިނަލުގެ ތަންތަން ކުއްޔަށް ދޫކުރުން ފިޔަވައި، ޓާމިނަލްގެ އޮޕަރޭޝަންތައް އެމްއޭސީއެލްގެ ދަށުން ހިންގާނެ ގޮތަކާމެދު އެ ކުންފުނީގެ ކަމާގުޅޭ ޑިޕާޓްމަންޓުތަކުން ރޯލް އައުޓް މޮޑެލް އެއް ތައްޔާރުކޮށް، އެމްއޭސީއެލް އަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓާމިނަލްގެ އޮޕަރޭޝަންތައް ބައްޓަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އެމްއޭސީއެލް އަށް އަންގަން އޭސީސީން ވަނީ ނިންމައިފައެވެ.

އާ ސީޕްލޭން ޓާމިނަލުން، ސީޕްލޭން އޮޕަރޭޓަރުންނަށް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދޫކުރަން މަޝްވަރާކޮށްފައި ވަނީ 28 ނޮވެންބަރު 2017 ގައި ބޭއްވި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގަ އެވެ.

ކަން މިހެން ހިނގާފައި ވާއިރު އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، މިހާރު ތިބި ފަރާތްތަކާއި، ވީއައިއޭގައި މިހާރު ސީ ޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީއެމްއޭއާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، އެ ފަރާތްތަކުގެ މަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހާ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ނިންމާއިރު، އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާއަކަން ތަހުގީގަށް ފާހަގަކުރެވޭކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ މި މައްސަލައާ ގުޅިގެން އެ ކޮމިޝަންގެ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހުކުރަން އެމްއޭސީއެލް އަށް އަންގާފައިވާނެ ކަމަށެވެ.

ހަމައެއާއެކު، މި މައްސަލައިގައި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީ ޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމާއި، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް