ކައުންސިލް އިންތިހާބާ ގުޅިގެން ޕާޓީ ފޯމުތައް ޕްރޮސެސްކުރުން މެދުކަނޑާލައިފި

ފެބްރުއަރީ 4، 2020: ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އިއުލާންކުރަން އިލެކްޝަން ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި މަޖިލިސް ރައީސް އަދި، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި، މަޖިލިސް މެމްބަރުން ބައިވެރި ވެޑައިގެންނެވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ޕާޓީތަކުން ހުށަހަޅާ މެމްބާޝިޕް ފޯމުތައް ޕްރޮސެސް ކުރުން މެދުކަނޑާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އިންތިހާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޕާޓީތަކުން ހުށަހަޅާ މެމްބަޝިޕް ފޯމްތައް ޕްރޮސެސް ކުރުން މެދުކަނޑާލި ނަމަވެސް، ކޮންމެހެން ޕްރޮސެސް ކުރަންޖެހޭ މުހިންމު ފޯމުތައް އިސްތިސްނާވާނެ ކަމަށެވެ.

އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް އީސީން ކުރިއަށް ގެންދާއިރު، ދެ އިންތިހާބަށް މުޅި ޖުމްލަ 77.2 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސައިދީފައެވެ.

ހަތަރު ސިޓީ ކައުންސިލާއި 18 އަތޮޅު ކައުންސިލުގެ އިތުރުން 178 ރަށު ކައުންސިލަށް ޖުމްލަ 980 ކައުންސިލަރުން މި އިންތިހާބުގައި އިންތިހާބު ކުރާނެއެވެ. މި 980 ކައުންސިލަރުންގެ ތެރެއިން 384 ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެއެވެ.

އާބާދީގައި 3،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށަށް ހަތް ކައުންސިލަރުން އިންތިހާބުކުރާ އިރު، 3،000 އިން ދަށުގެ ރަށްރަށުގައި ފަސް ކައުންސިލަރުން އިންތިހާބުކުރާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި 3،000 މީހުން ހަމަވެ، ހަތް ކައުންސިލަރުން އިންތިހާބުކުރާނީ 15 ރަށެއްގައެވެ.

މީގެ އިތުރުން މާލެ ސިޓީއަށް 19 ކައުންސިލަރުން، އައްޑޫ ސިޓީއަށް 13 ކައުންސިލަރުން އަދި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށި ސިޓީއަށް ހަތް ކައުންސިލަރުން އިންތިހާބުކުރާނެއެވެ.

comment ކޮމެންޓް