މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

"މާލެ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓު"ގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މަޝްރޫއު "މާލެ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓު"ގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްފައިވާ 462 މިލިއަން ރުފިޔާގެ މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ މަޝްރޫޢު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ މި މަޝްްރޫއުގެ ޕައިލެޓް ފޭސް (ފުރަތަމަ ފިޔަވަހި) ކުރިއަށްގެންދާނީ މާފަންނު ކަނބައައިސާރަނި ހިނގުމުން ކަމަށެވެ.

"ލަފާކޮށްގެން މި ތިބީ ދެ މަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލައި، މި ސަރަހައްދުގެ އިތުރު މަގުތަކަށް ދިއުމަށްޓަކައި ފަހަރަކު ދެ މަގު(ޓްރެފިކް ޕޮލިސްގެ އިރުޝާދާއެކު) ބަންދު ކުރަމުން އެ މަސައްކަތް ކުރިއަށް ގެންދަން. މި ސަރަހައްދުގައި ފެށި ޕައިލެޓް ޕްރޮޖެކްޓު ޖުލައި މަހުގެ ނިޔަލަށް ނިންމާލާނަން." މޫސާ ވިދާޅުވި އެވެ.

ޕައިލެޓް ފޭސްގެ ދަށުން މާފަންނު ވެސްޓް ޕާކް ސަރަހައްދާއި ކަނބާއައިސާރަނި ހިނގުމުގެ އިތުރުން އަށް މަގެއް ޒަމާނީ ފެންވަރަށް ހެދިގެން ދާނެއެވެ.

މުޅި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެ މަޝްރޫއުގައި މައިގަނޑު ގޮތެއްގައި ހައްލުކުރަން އަމާޒުކޮށްފައިވާ މައްސަލަތަކަކީ؛

އަންޑަގްރައުންޑް ޔުޓިލިޓީ ލައިންސް
ފެންބޮޑުވުން
ޑީވޯޓަރިން
އަލިފާން ނިއްވުން
ސްޓްރީޓްސްކޭޕިން
އާންމު ދަތުރުފަތުރު
ޕާކިން
މި މަޝްރޫއު ނިމޭއިރު މާލޭގެ މަގުތައް ފަސް ގިންތިއަކަށް ބަހާލާނެ އެވެ. އެއީ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑްރީ ރޯޑްސް، ނެއިބަހުޑް ސްޓްރީޓްސް އަދި ޕެޑެސްޓްރިއަން ސްޓްރީޓްސް އެވެ.

މީގެ އިތުރުން މަޝްރޫއު ނިމޭއިރު މަގުގެ ދުވާރުތައް މިހާރަށް ވުރެ ފުޅާވާނެ ކަމަށާއި ދުވާރު ނެތް މަގެއް ނުހުންނާނެ ކަމަށް އާރުޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް