އެމްޑީޕީގެ ޕީޖީ ލީޑަރުގެ ފާޑުކިޔުން އޭސީސީއަށް

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތައް ނުބަލައި މިހާރުގެ މައްސަލަތައް ބަލަން އިސްކަންދޭ ކަމަށް ބުނެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ، ކުރީ ސަރުކާރުގައި ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ދައުލަތަށް ލިބޭ ފައިސާ ބޭނުންކޮށްފައި ހުރީ އަމިއްލަ މަންފާއަށް ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ސަރުކާރަށް މި އޮންނަނީ މި ކަންކަން ހައްލުކުރަން އަނެއްކާވެސް ޖެހިފައި. ރައްޔިތުންނަށް އެންމެ ގެއްލުން ނުވާނެ ގޮތަށް ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް މިކަން ކުރެވޭނީ ކިހިނެއްތޯ ބަލައި އެ ވާހަކަ ދެކެވެމުންދާއިރުގައި މީގެ ހުރިހާ ބަދުނާމެއް އަޅަން ޖެހެނީ މިއަދުގެ ސަރުކާރުން،" އާޒިމް ވިދާޅުވި އެވެ.

ކިތަންމެ ގާނޫނެއް ހެދިޔަސް ގާނޫނު ތަންފީޒު ކުރަން ތިބޭ ފަރާތްތަކުން ގާނޫނު ތަންފީޒު ނުކުރާ ކަމަށް ވިދާޅުވެ މިއަދު އާޒިމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ އޭސީސީ އެވެ. އެ ކޮމިޝަނުގައި މިދިޔަ ސަރުކާރުގެ އެއްތައް ކޮރަޕްޝަންގެ މައްސަލައެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ގިނަ އަދަދެއްގެ މައްސަލައެއް ހުއްޓައި، މަޖިލީހުގެ މެމްބަރަކު ދެއްކެވި ވާހަކައެއް އޭސީސީއިން ތަހުގީގު ކުރަން އުޅޭތީ އޭނާ ކަންބޮޑުުވުން ފާޅުކުރެއްވި އެވެ. މަޖިލީހުގައި މެމްބަރަކު ދައްކަވާ ވާހަކައަށް ތަހުގީގެއް ނުހިންގޭނެ ކަމަށް ގާނޫނު އަސާސީއާ ހަވާލާދެއްވައި އޭނާ ވިދާޅުވިއެވެ. އާޒިމް ދެއްކެވީ ސ. ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާ އެ ކޮމިޝަނަށް ހާޒިރު ކުރަން އުޅޭ ވާހަކައެކެވެ. ނިހާދު އޭސީސީއަށް ހާޒިރު ކުރަނީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކި ކުރުމުގެ ބަހުސްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ވައްކަންކޮށްފައި ހުރި އެތައް ރިޕޯޓުތަކެއް އެތައް މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އޮއްވައި، މި މަޖިލީހުގެ ތަޅުމުގައި މެމްބަރެއް ދައްކާ ވާހަކައަށް ތަހުގީގު ކުރަން އެތަނަށް ދާން މި އަންގަނީ. މިއަށް ވުރެ މާ މުހިންމު މި ރާއްޖެއަށް ވަން ފައިސާ ވަގަށް ނެގި މިދިޔަ ސަރުކާރުގެ ތިބި މީހުންގެ މައްސަލަތައް ބަލަން ފެށިއްޔާމުން.

ފުލުސް އޮފީހުގައިވެސް އެތައް މައްސަލައެއް އޮތް އިރު ބަލަނީ މި ސަރުކާރުގެ ކޮންމެވެސް މީހެއްގެ ވާހަކަ ދެއްކޭތޯ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ބޮޑެތި ގެއްލުން ލިބޭ ކަންކަން ހައްލު ކުރަން އެއްވެސް ކަމެއް ނުކޮށް އޮންނަތަން ފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް، އެކަން ބެލުން އަވަސްކޮށްލާފައި އޭގެ ބަދަލުގައި އޭގެ ކުރިން ވައްކަންކޮށްފައި ހުރި މީހުންގެ ކަންކަން ފޮރުވުމަށްޓަކައި އެކަންކަން ލަސްކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ތިއްބެވި މެމްބަރުން މަސައްކަތް ކުރަމުންދާކަން އަޅުގަނޑު ފާހަގަ ކުރަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ރާއްޖެއަށް ތަރައްގީ ގެނެސް ފައިސާ ވައްދައި ދިވެހި ރައްޔިތުންނަށް ކޮށްދޭން ޖެހޭ އެތައް ކަމެއް އެބަ ހުރި ކަމަށެވެ. އެކަމަކު އެކަންކަން ކުރެވޭނީ ކުރިން ރައްޔިތުން އަތުން ވައްކަން ކުރި މީހުން ވައްކަންކޮށްފައިވާ ގޮތް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް