މެމްބަރުން މަގާމުން ވަކި ކުރެވޭ ބިލު މަޖިލީހަށް ވެއްދުމަށް އުޝާމް ތާއީދު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރާ މެދު ދާއިރާގެ ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ނަމަ އެ މެމްބަރު މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް، އަމިއްލަ ފަރާތަކުން ތައްޔާރުކޮށްފައިވާ ބިލުގެ ޑްރާފްޓު މަޖިލީހަށް ވެއްދުމަށް ތައްޔާރު ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މަޖިލިސް މެމްބަރުން މަގާމުން ވަކި ކުރެވޭ ގޮތަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ޑްރާފްޓުކުރައްވާފައި ވަނީ ގާނޫނީ ވަކީލު ހަމްޒާ ހަލީލެވެ.

އެ ބިލު ޑްރާފްޓުކުރުމަށް ފަހު އާންމުންގެ ހިޔާލު ހުށަހެޅުމަށް ވެސް އޭނާ ވަނީ މި މަހުގެ ކުރީކޮޅުގައި ހުޅުވާލާފަ އެވެ. މިހާރު މަސައްކަތް ކުރައްވަމުން ދަނީ އެ ބިލު މަޖިލީހަށް ވެއްދުމަށް ޓަކައި ސޯޝަލް މީޑިއާގައި ތާއީދު ހޯދުމުގެ މަސައްކަތެވެ.

"މިވަގުތު ސޯޝަލް މީޑިއާގައި ވަރަށް ކުޑަ ތަރުހީބެއް ލިބެނީ. މަޖިލީހަށް އެ ބިލު ވެއްދުމަށް ޓަކައި ވަރަށް ބޮޑު ސަޕޯޓެއް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

"އެމްޕީ ރިކޯލް އެކްޓް"ގެ ނަމުގައި، އެ ޑްރާފްޓް މަޖިލިހަށް ވެއްދުމަށް ބޭނުންވާ ސަޕޯޓު ހޯދުމަށް ޓުވިޓާގައި އޭނާ ދަނީ މަސައްކަތްކުރައްވަމުނެވެ.

އެކަމާ ގުޅިގެން އުޝާމް ވިދާޅުވީ އެމްޕީ ރިކޯލް އެކްޓް އަށް ސަޕޯޓުކުރައްވާނެ ކަމަށެވެ.

ހަމްޒާ ހަލީލް މިހާރު މަސައްކަތް ކުރައްވަމުން ދަނީ އޭނާ ހިމެނޭ ދާއިރާގެ މަޖިލިސް މެމްބަރު މެދުވެރިކޮށް އެ ބިލު މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކަމަށް އުޝާމް ވިދާޅުވި އެވެ.

"އެކަމު އެގޮތަށް ކަންތައް ނުވެއްޖެ ނަމަ އަދި އަޅުގަނޑުގެ އެހީ ބޭނުންވާ ނަމަ އަޅުގަނޑު މިހުރީ އެ މަސައްކަތް ކުރުމަށް ތައްޔާރަށް،" އުޝާމް ވިދާޅިވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުގެ އިންތިހާބުގައި ހަމްޒާ ވަނީ ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ ދާއިރާ ކާމިޔާބުކުރައްވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

ހަމްޒާ މީގެކުރީން ވިދާޅުވެފައިވަނީ އީވާ މެދުވެރިކޮށް އެ ބިލު މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެކަން ނުވެއްޖެ ނަމަ އެހެން މެމްބަރެއް މެދުވެރިކޮށް އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހަމްޒާގެ ކެމްޕެއިނާ އެކު އާންމުންގެ ފަރާތުން ވެސް އަންނަނީ އެ ކެމްޕެއިނަށް ތަރުހީބު ލިބެމުންނެވެ. އެގޮތުން އާންމު ފަރާތްތަކުން ނިސްބަތްވާ ދާއިރާތަކުގެ މެމްބަރުން، އެ ބިލު މަޖިލީހަށް ވެއްދުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް