ޓުއަރިޒަމް މިނިސްޓްރީގެ އައިޓީ ހެޑް ވަކިކޮށްފައެއް ނުވޭ

މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް ލީކުވި މައްސަލައިގައި ޓުއަރިޒަމް މިނިސްޓްރީ އައިޓީ ހެޑް މަގާމުން ވަކި ކުރި ކަމަށް ބުނެ އަޑުތަކެއް އަރާފައިވޭ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާ ގުޅުވައިގެން އޯޑިއޯތަކެއް ލީކުވި މައްސަލައިގައި އެ މިނިސްޓްރީގެ އައިޓީ ހެޑް މަގާމުން ދުރުކޮށްފައި ކަމަށް ބުނާ ވާހަކަތައް މިނިސްޓްރީއިން ދޮގުކޮށްފި އެވެ.

މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)އާ ދެމެދު ކުރެވިފައިވާ ސައްލާއެެއްގެ އޯޑިއޯތަކެއް ލީކުވި މައްސަލައެއް މިހާރު ފެންމަތިވެފައިވާއިރު، އެ މައްސަލައިގައި މިނިސްޓްރީގެ އައިޓީ ހެޑް މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.

އެކަމާ ގުޅިގެން ޓުއަރިޒަމް މިނިސްޓްރީއިން މިއަދު ބުނެފައިވަނީ، މިނިސްޓްރީގެ އައިޓީ ހެޑް، މަގާމުން ވަކި ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ.

އޯޑިއޯ ލީކުވި މައްސަލައިގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށެވެ. އަދި އެއީ އެކި އަޑު، އެކި ގޮތްގޮތަށް ގެނެސް ރޭވިގެން ހިންގާފައިވާ ދަށު ދަރަޖައިގެ ޖަރީމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރަށް ފުރިހަމަ ތަހުގީގެއް ހިންގުމަށާއި އޭގެ ސަބަބުން ހަގީގަތް އެނގިގެންދާނެ ކަމަށް އޭނާ މިއަދު ފާހަގަކުރައްވާފައިވެއެވެ.

comment ކޮމެންޓް