ސިފައިންގެ ވިސްނުންވެސް ލާމަރުކަޒީ ނިޒާމަށް އަމާޒުކުރަން ޖެހޭ: ރައީސް

ސިފައިންގެ ކޮމާންޑާސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑު ލާމަރުކަޒީވަމުން އަންނަ ކަމަށާއި އެ ބަދަލަށް ސިފައިންގެ ވިސްނުންވެސް އަމާޒުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުގައި ގެނައި އިސްލާހުތަކާ އެކު ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ފަހު ދިވެހި ދައުލަތުގެ ހިންގުން ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިނަގަން ފަށާނެ އެވެ.

ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ރައީސް ސޯލިހު މިއަދު ވިދާޅުވީ، ދައުލަތުގެ އިދާރީ ހިންގުމަަށް އަންނަ އެންމެ މުހިންމު ބަދަލަށް ސިފައިންގެ ކޮމާންޑަރުންގެ ވިސްނުން އަމާޒު ކުރުން މުހިންމު ކަމަށެވެ.

އެގޮތުން ކައުންސިލުތަކާ ގާތް ގުޅުމެއް ބާއްވައި، ރައްޔިތުންނަށް ގާތުން ހިދުމަތް ދެވޭނެ ގޮތަށް ސިފައިންގެ އޭރިއާ ކޮމާންޑުތަކުގެ މަސައްކަތް ބައްޓަން ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި މުހިންމު ބަދަލާއެކު، ތިޔަ ކޮމާންޑަރުންގެ ވިސްނުންވެސް އެ މިސްރާބަށް އަމާޒުކުރުމަކީ މުހިންމު ކަމެއް. ކައުންސިލްތަކާ ގާތް ގުޅުމެއް ބާއްވައި، ސަރަޙައްދުތަކުގެ ރައްޔިތުންނާ ވީހާ ގާތުން ހިދުމަތް ދެވޭނެ ގޮތަށް، އޭރިއާ ކޮމާންޑްތަކުގެ މަސައްކަތް އަލުން ބައްޓަންކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން." ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމެއްގެ ގޮތުގައި ރާއްޖެ ކުޑަވިޔަސް ރާއްޖެއަށް ކުރިމަތިލާން ޖެހިފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ކުޑައެއް ނޫން ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށި ހަލާކުވަމާއި، ބޭރުގައި ފެތުރޭ ބަލިމަޑުކަމުގެ އަސަރު އިގްތިސާދަށް ކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކަލަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އެފަދަ ކަންކަމާ ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް، ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދީގެން މި އަންނަނީ މަސައްކަތް ކުރަމުން. ދިވެހި އަސްކަރިއްޔާ އިތުރަށް ތަރައްގީކުރުމަށްޓަކައި، ސިފައިންނަށް ބޭނުންވާނެ ފަންނީ އަދި އަސްކަރީ އާލާތްތަކާއި، ވަސީލަތްތަކާއި އުޅަނދުފަހަރު ހޯދުމަށް، ސަރުކާރުން ވަރަށް ހާއްސަ ސަމާލުކަމެއް ދޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އިދާރާތައް ގުޅިގެން، ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެ މަސައްކަތުގައި އެންމެ މުހިންމީ އެމްއެންޑީއެފް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން، އެމަސައްކަތް ކާމިޔާބުކުރުމަށްޓަކައި، ގުޅިފައިވާ އަމަލީ ފަލްސަފާއެއްގެ ތެރެއިން، ކަންކަން ލީޑްކުރުމުގެ ޒިންމާ އެމްއެންޑީއެފުން އަދާކުރާނެ ކަމަށް ދެކޭ ކަމަށް ވެސް ރައިީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ދިވެހި ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުމަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އަދި އެކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް