ހަޒާޑް އެނބުރި އައި އިރު ސެލްޓާއިން ރެއާލް ހިފަހައްޓައިފި

ރެއާލާއި ސެލްޓާ ބައްދަލު ކުރި މެޗުގައި އެޑެން ހަޒާޑްއަށް ސެލްޓާގެ ކީޕަރު ރުބެން ބިއަންކޯ ފައުލު ކުރަނީ --- ފޮޓޯ// ޑޮމް ފެރަލް

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް ކުޅުނު ފުރަތަމަ މެޗުގައި ސެލްޓާ ވީގޯ އަތުން ރެއާލް މެޑްރިޑް އެއްވަރުވެއްޖެ އެވެ.

ރެއާލްގެ ސަންޓިއާގޯ ބާނެބިއު ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުން ލިބުނު ޕޮއިންޓާ އެކު ރެއާލް މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 53 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް 52 ޕޮއިންޓް ލިބިފައިވާ އިރު ތިންވަނައިގައި އޮތް ގެޓާފޭއަށް ވަނީ 42 ޕޮއިންޓް ލިބިފަ އެވެ. ރޭގެ މެޗުން މޮޅުވެެގެބް ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ރެއާލް އަތުން ގެއްލުވާލި ސެލްޓާ ވީގޯ އޮތީ ތާވަލުގެ 17 ވަނައިގައި ރެލިގޭޝަންގައި އޮތް މަލޯކާއާ ޕޮއިންޓްގެ ގޮތުން އެއްވަރުގަ އެވެ.

ރޭގެ މެޗު ފެށިގެން ހަތްވަނަ މިނަޓުގެ ތެރޭގައި ސެލްޓާއިން ވަނީ ލީޑު ނަގައިފަ އެވެ. ފެޑޯރ ސްމޮލޯވްގެ ގޯލުން ސެލްޓާއިން ލީޑު ނަގާފާއިވަނިކޮށް ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޓޯނީ ކްރޫސް އެވެ. ކްރޫސް ވަނީ ވޭތުވެ ދިޔަ ފަސް އަހަރު ވެސް ސެލްޓާ ކޮޅަށް ގޯލު ޖަހައިފަ އެވެ.

މިފަހަރުގެ ސީޒަން ފެށިގެން އައި އިރު ރެއާލްގެ ސަޕޯޓަރުންގެ އެންމެ ބޮޑު އުންމީދަކަށްވީ އެ ޓީމާއަށް އަލަށް ގުޅުނު ފޯވާޑް ހަޒާޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނުމެވެ. އެކަމަކު ސީޒަނުގެ ފުރަތަމަ ކޮޅު ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް އޭނާ ވަނީ ރޭގެ މެޗުގައި ތަފާތު ދައްކާފަ އެވެ.

އެގޮތުން ރެއާލްގެ ދެވަނަ ގޯލު ޖެހުމަށް ހޯދި ޕެނަލްޓީ ހޯދީ ހަޒާޑް އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައި ރެއާލަށް ލީޑު ނަގައިދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

ރާމޯސްގެ ގޯލުން މެޗު ނިންމާލައިގެން ރެއާލްގެ ކުޅުންތެރިން ތިއްބާ ސެލްޓާއިން މެޗު ނިމުމުގެ ކުރިން ވަނީ ގޯލެއް ޖަހައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ކުރިން ބާސެލޯނާއަށް ކުޅުނު ކޮލަމްބިއާގެ ޑިފެންޑަރު ޔެރީ މިނާ އެވެ.

ސެލްޓާއަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ސްޕޮންސާޝިޕް ޑީލެއްގައި ސޮއިކޮށްފައިވާ ކުލަބެކެވެ. ރާއްޖެ އިން ސެލްޓަ ވީގޯއާއެކު ދެމެދު ސްޕޮންސާޝިޕް ހެދުމަށް އެއްބަސްވެފައި ވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރަށެވެ.

އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

comment ކޮމެންޓް