ހޫބެއިގައި ތިބި ޕާކިސްތާނުގެ ދަރިވަރުން އަނބުރާ ގެންދިޔުމަށް ގޮވާލާ މުޒާހަރާކޮށްފި

ހޫބެއިގައި ތިބި ޕާކިސްތާނުގެ ދަރިވަރުން އަނބުރާ ގެންދިޔުމަށް ގޮވާލާ، އެދަރިވަރުންގެ ބެލެނިވެރިން ވަނީ މުޒާހަރާކޮށްފައި -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (ފެބްރުއަރީ 17): އާ ބާވަތެއްގެ ކޮރޯނާވައިރަހެއް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ހޫބެއި ޕްރޮވިންސުގައި ތިބި ޕާކިސްތާނުގެ ދަރިވަރުން އަނބުރާ ގައުމަށް ގެންދިޔުމަށް ގޮވާލާ އެ ދަރިވަރުންގެ ބެލެނިވެރިން މުޒާހަރާކޮށްފި އެވެ.

އިއްޔެ ކަރާޗީގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ބައިވެރިވި މީހުން ވަނީ ހޫބެއިގައި ތިބި ދަރިވަރުން އަނބުރާ ގެންދިޔުމަށާއި އެކުދިން "މަރުވާން ދޫކޮށްނުލުމަށް" ސަރުކާރަށް ގޮވާލާފަ އެވެ. އަދި އެމީހުން ވަނީ އަވަށްޓެރި އިންޑިއާ އާއި ބަންގުލަދޭޝްއިންވެސް ވޫހާންގައި ތިބި އެ ދެ ގައުމުގެ ރައްޔިތުން އަނބުރާ ގެންގޮސްފައިވާކަން ފާހަގަކޮށްފަ އެވެ.

ޕާކިސްތާނުގެ ސަރުކާރުން ބުނާ ގޮތުގައި ހޫބެއިގައި 1،000އަށް ވުރެ ގިނަ ޕާކިސްތާނުގެ ދަރިވަރުން އެބަތިއްބެވެ. ނަމަވެސް އެމީހުން އަނބުރާ ގައުމަށް ގެންދާނެ ކަމަށް ސަރުކާރުން ނުބުނެ އެވެ.

އޭގެ ސަބަބުން ލާހޯރުގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓު ކުރިމަތީގައި ވެސް މީގެ ކުރިން ބެލެނިވެރިން މުޒާހަރާކޮށްފައިވެ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ސްޓޭޓް ހެލްތު މިނިސްޓަރު ޒަފަރު މިރުޒާ ވަނީ ދަރިވަރުންގެ ބެލެނިވެރިންނާ އަންނަ ބުދަ ދުވަހު ބައްދަލު ކުރައްވާނެ ކަމަށާއި ސަރުކާރުން ދަނީ ހުރިހާ ދަރިވަރުންގެ ހާލު ބަލަމުން، ޗައިނާއާ އެކު މަސައްކަތް ކުރަމުން ކަމަށް ބުނެފަ އެވެ.

ކޮރޯނާވައިރަސް ޑިޒީސް (ކޯވިޑް-19)އަށް މިހާތަނަށް 70،548 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 1،770 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ފަސް މީހަކު ފިޔަވާ އެންމެން މަރުވީ ޗައިނާގަ އެވެ. ބާކީ ފަސް މީހުން މަރުވީ ހޮންކޮން، ފިލިޕީންސް، ޖަޕާން، ފްރާންސް އަދި ޓައިވާނުގަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި އެވައިރަސް އަލަށް ޖެހޭ މީހުންގެ އަދަދު މަދުވާން ފަށާފައިވާ ކަމަށާއި އޭގެއިން އެނގެނީ ވައިރަސް ފެތުރުން ކޮންޓްރޯލު ކުރެވޭނެކަން ކަމަށް ޗައިނާ އިން ވަނީ އިއްޔެ ބުނެފަ އެވެ.

comment ކޮމެންޓް