އެކްސިޑެންޓެއް ވުމުން ސައިކަލާއެކު ފިލައިފި

މިރޭ ހިނގި އެކްސިޑެންޓް -- ސަންފޮޓޯ

މިރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހިމެނޭ އެކަކު ސައިކަލާއެކު ފިލައިފި އެވެ.

އެ އެކްސިޑެންޓް ހިނގީ މިރޭ 11:00 އެހައިކަންހާއިރު ކާނިވާ ސަރަހައްދު ކައިރިން ބޮޑުތަކުރުފާނު މަގުގަ އެވެ.

އެކްސިޑެންޓް ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިއަކު ބުނިގޮތުގައި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާނިވާ ސަރަހައްދު ކުރިމައްޗަށްވާ ގޮތަށް އޮންނަ މެހެލި ގޯޅިން ނިކުތް ސައިކަލެއް، ބޮޑުތަކުރުފާނުން މަގުގެ ދެކުނުން އުތުރަށް ދުއްވަމުންދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.

ދެ ސައިކަލު ޖެހުނީ މެހެލި ގޯޅިން ނިކުތް ސައިކަލު މަގުގެ ނުގަވާއިދު ފަޅިން ދުއްވާފައި އަންނަނިކޮށް ކަމަށް އޭނާ ބުންޏެވެ.

އެ ސައިކަލުގައި ތިބީ ކުޅެ ނިންމާފައިތިބި ދެ ޒުވާނުން ކަމަށާއި ބޮޑުތަކުރުފާނު މަގުން ދަތުރު ކުރަމުންދިޔަ ސައިކަލުގައި ހުރީ ފިރިހެނަކާއި އަންހެނެކެވެ.

އެކްސިޑެންޓްވުމުން ދަބަހާއެކު މަޑު ނުކުރެވޭނެ ކަމަށް ބުނެ، މެހެލި ގޯޅިން ނިކުތް ސައިކަލު ދުއްވި މީހާ ވަނީ އެ ސަރަހައްދުން ފިލާފަ އެވެ.

ބޮޑުތަކުރުފާނު މަގުން އައި ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް ކުދި އަނިޔާތަކެއް ލިބުނެވެ. އަދި ސައިކަލަށް ވެސް ކުދިކުދި ގެއްލުންތައް ލިބުނެވެ.

އަނެއް ސައިކަލުގައި ތިބި މީހުން ފިލުމުން އެ މީހުންނަށް އަނިޔާއެއް ލިބުނުކަން އެނގިފައިނުވެ އެވެ.

އެމީހުން ފިލިތާ ކުޑަ ވަގުތުކޮޅެއް ފަހުން ފުލުހުން ވެސް ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި މިހާތަނަށް ލިބޭގޮތް ވަނީ ނުވެފަ އެވެ.

comment ކޮމެންޓް