ޒުހާ މަރާލި މައްސަލާގައި ސުމޮން މިއާއަށް 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ޒުހާ މަރާލި މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވި ސުމޮން މިއާ (ކ) ކޯޓަށް ވައްދަނީ --

ދެ ހާސް ސޯޅަ ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭ ގޯޅިގަނޑެއްގެ ތެރޭގައި މަރުވެއްފައި އޮއްވާ ފެނުނު ލ. ގަން ބާބުލްއަވާލީ، ހައްވާ ޒުހާ މަރާލި މައްސަލާގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ޒުހާ މަރާލި މައްސަލައިގައި ދައުލަތުން ސުމޮންގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ، 2016 ވަނަ އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހުގެ ރޭ 12:00 އެހައިކަންހާއިރު ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ސުމޮންމިއާ ޒުހާއާ އެކު ޖިންސީ ގުޅުން ހިންގުމަށް ފަހު ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު ކަނާތުން ޒުހާގެ ކަރުގައި ހިފުމަށް ފަހު އޭނާ މަރާލާފައިވާ ކަމަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ސުމޮން އިއުތުރާފުވެފައިވާ ކަމަށް ބަލައިގެންނެވެ.

އެ މައްސަލާގައި ހުކުމް އިއްވަމުން ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ޒުހާގެ ކަރުގައި ހިފި ކަމަށް ސުމޮން ތަހުގީގުގަ އާއި ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވި ކަމަށެވެ. ޒުހާ މަރުވެފައި ވަނީ ކަރުގައި ހިފައި، ނޭވާ ހާސް ކުރުމުގެ ސަބަބުން ކަން އޭނާ ބެއްލެވި ޑޮކްޓަރުގެ ބަހުންނާއި ލިޔުންތަކުން އެނގޭ ކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެހާލަތުގައި އެއީ ގަސްދު މަރެއް ކަމަށް ބަލަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލައަކާ ހަވާލާދީ ހުކުމުގައި ބުނެފައި ވަނީ ޝަރީއަތުގައި ފަހުން އިންކާރު ކުރިޔަސް، މީހެއްގެ ހައްގު އެކުލެވޭ ކުށަކަށް އެއްބަސްވުމަށް ފަހު އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށެވެ. އަދި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު ޒުހާ މަރާލީ ސުމޮން ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުން ކަމަށް ވިޔަސް ސުމޮން ކުށްކުރި ގޮތަށް ބަލައި އަދަބުގެ ދެ ދަރަޖަ މަތިކޮށް، 15 އަހަރުގެ ޖަލު ހުކުމެއް އިއްވަން ދައުލަތުން މިއަދު އެދުނެވެ.

މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ޒުހާގެ މަންމަ މީގެ ކުރިން ކޯޓުގައި ބުނެފައިވާތީ ސުމޮންގެ މައްޗަށް ހުކުމް ކުރީ 15 އަހަރަށް ޖަލަށްލުމާ އެކު، މަރުގެ ދިޔައިިގެ ގޮތުގައި 100،000 ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދު މަހުގެ ދެ މަހުގެ ރޯދަ ހިފުމަށެވެ.

ޒުހާ މަރާލި ހާދިސާ ހިނގި ގޮތް ކިޔައިދެމުން ސުމޮން މީގެ ކުރިން ބުނެފައި ވަނީ، ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ފައިސާއަށް ޒުހާއާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށެވެ. އެއަށް ފަހު އިތުރަށް ފައިސާ ހޯދަން ޒުހާ އުޅުނު ކަމަށާއި ލާލުކުރި ގޭގެ ކޮޓަރިން ނުކުމެގެން ދާން އުޅުމުން އަވަގުރާނަ ގޮވުމަށް ފަހު ލާރި ނުދީ ނުދެވޭނެ ކަމަށް ޒުހާ ބުނި ކަމަށް ސުމޮން މިއާ ބުންޏެވެ. ސުމޮންމިއާ ބުނީ، ލާރި ހޯދަން ޒުހާ އޭނާގެ އަތުގައި ހިފި ކަމަށެވެ. އެއަށް ފަހު އޭނާ ޒުހާގެ ކަރުގައި ހިފި ކަމަށް ސުމޮން ބުންޏެވެ. އޭގެފަހުން ޒުހާ ސިޓިން ރޫމަށް ވެއްޓުމުން އޭނާ ނަގައިގެންގޮސް ލާލުކުރި ގޭގެ ގޯޅިގަނޑުގެ ތެރޭގައި ބޭއްވުމަށް ފަހު ލާރިކޮޅު ހިފައިގެން ދިޔައީ ކަމަށް ވެސް ސުމޮން ބުންޏެވެ.

comment ކޮމެންޓް