ޝޭހް މުހައްމަދު ހަސަނާ އެކު 4 ދިވެއްސަކު އިންޑޮނޭޝިޔާއިން ހައްޔަރުކޮށް ދޫކޮށްލައިފި

މުހައްމަދު ހަސަން -- ސަން ފައިލް ފޮޓޯ

މިދިޔަ ބުރާސްފަތި ދުވަހު އިންޑޮނޭޝިޔާއަށް ދިޔަ ހަތަރު ދިވެއްސަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުން މިއަދު ބުނީ އެމީހުން އިންޑޮނޭޝިޔާއަށް ދިޔައީ މެލޭޝިޔާ މަގުން ކަމަށާއި، ހައްޔަރު ކުރީ 46 އަހަރާއި، 39 އަހަރާއި، 36 އަހަރާއި އަދި 34 އަހަރުގެ ދިވެހި ފިރިހެނުންކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރުކުރި ސަބަބެއް ފުލުހުން ނުބުނެ އެވެ.

ނަމަވެސް އިންޑޮނޭޝިޔާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅެމަށް ހިތްވަރު ލިބޭގޮތަށް ދީނީ ނަސޭހަތް ދިނުމާއި، ދީނީ ގޮތުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަން ކުރަން ބާރު އަޅާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއިން ހުއްދަ ބާތިލް ކުރި އިލްމުވެރިޔާ، މުހައްމަދު ހަސަން ހިމެނޭކަން ވަނީ އެނގިފަ އެވެ.

ހައްޔަރުކުރި ހަތަރު މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެމީހުން މި މަހުގެ 15 ވަނަ ދުވަހު އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް