އެކްސިޑެންޓުގައި މަރުވީ މަފާޒް މަރާލި މައްސަލައިގައި ތުހުމަތު ކުރެވުނު މިދުހަތު!

މުހައްމަދު މިދުހަތު ހައްޔަރުކޮށްގެން ގެންދަނީ --- ސަން ފައިލް ފޮޓޯ

ރޭ ގަސްދުގައި ކުރި އެކްސިޑެންޓުގައި މަރުވެފައި ވަނީ ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި ހ. ބްލޫބާޑް މުހައްމަދު މިދުހަތު ކަން "ސަން" އަށް އެނގިއްޖެއެވެ.

މަފާޒު މަރާލުމުގެ ކުރިން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިދުހަތާއެކު ތިން މީހަކަށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ އެ ތިން މީހުން މަފާޒް މަރާލުމުގައި ބައިވެރިވި ކަމުގެ ހެކި ލިބިފައިނުވާތީ އެވެ.

ނަމަވެސް ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން އެކަށީގެންވާ މިންވަރަށް ކާފީ ހެކި ހުށަހަޅާފައި ނުވާތީ ކްރިމިނަލް ކޯޓުން 2017 ވަނަ އަހަރު ހުކުމްކޮށްފައި ވަނީ އެ ތިން މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތުނުވާތީ އެވެ.

ރޭ މިދުހަތު މަރުވެފައި ވަނީ އޭނާ ދުއްވި ސައިކަލުން، އެހެން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓުކޮށްލުމުގެ ސަބަބުން އޭނާއަށް ލިބުނު ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.

އެކްސިޑެންޓުގައި އަނެއް ސައިކަލުގައި ތިބި 31 އަހަރުގެ ފިރިހެން މީހާއަށާއި 22 އަހަރުގެ އަންހެން މީހާއަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

އަޑު ފެތުރިފައިވާ ގޮތުގައި ސައިކަލުން ޖައްސައި އެކްސިޑެންޓު ކޮށްލާފައި ވަނީ ލޯބީގެ މައްސަލައެއްގަ އެވެ. އަނެއް ސައިކަލު ފަހަތުގައި އިނީ މިދުހަތުގެ ކުރީގެ ލޯބިވެރިޔާ ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް