ގެމަނަފުށީ ގޮނޑުގައި ބަޔަކު ރޯކޮށްލައިފި

ގެމަނަފުށީގައި އަލިފާން ރޯވެ އަނދަނީ-- ފޮޓޯ: ފުލުހުން

ގެމަނަފުށީ ގޮނޑުގައި ބަޔަކު ރޯކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 05:30 ކަންހާއިރު ގެމަނަފުށީ ގޮނޑުގައި ރޯކޮށްލި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންނާއި ގެމަނަފުށީ ކައުންސިލް ގުޅިގެން އަލިފާން ނިއްވުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ގެމަނަފުށީގައި ރޯވުމުގެ ސަބަބުން ވަރަށް ގަދައަށް ދުން އަރައި މުޅި ރަށުތެރޭގައި ދުންތައް ދަނީ ދައުރުވަމުންނެވެ.

ގެމަނަފުށިން "ސަން" އާ ވާހަަކަ ދެއްކި މީހަކު ބުނީ ކުނިގޮނޑުގައި ރޯވިއިރު ހުރީ ގޭސްފުޅިއާއި ދަގަނޑު އެއްޗެތި ވަކިވެސް ކޮށްފަ އެވެ.

" އަޅުގަނޑުމެން ރަށުގެ ހުރިހާ ރައްޔިތުންގެ ނުކުމެގެންވެސް މިއުޅެނީ އެއްގޮތަކަސްވެސް އަލިފާން ކޮންޓްރޯލް ނުވެގެން. މިއުޅެނީ ހަމައެއްގޮތެއްވެސް ނުވެގެން. މިހާރު އެމްއެންޑީއެފްއިންވެސް އައުމުގެ މަގުމަތީގައި އުޅެނީ" ގެމަނަފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނިގޮތުން މުޅި ރަށުތެރޭގައި އޮތީ ދުމެވެ. އަދި އެކަމުގެ ސަބަބުން އާންމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް