ޕޯޓަލް އޮތީ އަޕްޑޭޓް ނުވެ، ކުންފުނީގައި ޝައުނާގެ ހިއްސާއެއް ނެތް: އިކޮނޮމިކް މިނިސްޓްރީ

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ހަވާލުކުރަން ނިންމާފައިވާ، ޓްރާންސް މޯޑިވިއަން އެއާވޭޒް (ޓީއެމްއޭ)އަށް ޕީއާރު އެޑްވައިސް ދޭ ކުންފުނި، "އެޓޯލް ކޮމިޔުނިކޭޝަންސް"ގައި ރައީސް އޮފީހުުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ ހިއްސާއެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ކޮމިޔުނިޓީ ސްޓްރެޓެޖިސްޓެއްގެ ގޮތުގައި، މަސައްކަތް ކުރި ޕޯލް ރޮބާޓްސް އިސްވެ ހުންނަ، "އެޓޯލް ކޮމިޔުނިކޭޝަންސް"ގައި ޝައުނާގެ ހިއްސާއެއް އޮންނަ ކަމަށް ކުރެވެ ތުހުމަތުތައް ޝައުނާ ވަނީ ދޮގުކޮށްފައެވެ.

"އެޓޯލް ކޮމިޔުނިކޭޝަންސް" ކުންފުނި ފުރަތަމަ އުފެއްދީ ޝައުނާ ވެސް ހިއްސާ ވެގެން "ޝައުނާ އެންޑް ރޮބާޓްސް"ގެ ނަމުގައި ކަމަށެވެ. ނަމަވެސް، ފަހުން އެ ކުންފުނީގެ ނަން ވަނީ "އެޓޯލް ކޮމިޔުނިކޭޝަންސް"އަށް ބަދަލުކޮށްފައެވެ.

މިއަދު މެންދުރާ ޖެހެންދެން އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ރެކޯޑްތަކުން ދައްކާ ގޮތުގައި އެ ކުންފުނީގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އިންނެވީ ޝައުނާ އެވެ. އެހެން ނަމަވެސް ޝައުނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ އަޕްޑޭޓް ނުވާ ރެކޯޑެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ސާފުކޮށްދިނުމަށް އޭނާ ވަނީ މިނިސްޓްރީގެ ޓްވިޓާ ހޭންޑަލް ޓެގް ކުރައްވާ ދަންނަވާފައެވެ.

ޝައުނާގެ ޓްވީޓަށް ރައްދު ދެމުން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މިދިޔަ އަހަރު ފެބްރުއަރީ މަހު ޝައުނާ އެ ކުންފުނީގެ ހިއްސާ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް ޕޯޓަލަށް އެ އަޕްޑޭޓް ގެނެސްފައި ނުވާ ކަމަށެވެ. އަދި މިހާރު އެ ބަދަލު ގެނެސް އެކަމަށްޓަކައި މިނިސްޓްރީން ވަނީ މާފަށް އެދިފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ރެކޯޑްތަކުން މިހާރު ދައްކާ ގޮތުގައި، އެ ކުންފުނީގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އިންނަނީ ޝައުނާގެ ފިރިމީހާ މުހައްމަދު ތޯރިގެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ ޝައުނާގެ މާލީ ބަޔާނުގައި ވިޔަފާރީގެ މަސްލަހަތުގެ ގޮތުގައި އޭނާގެ 50 ޕަސެންޓް ހިއްސާ "ޝައުނާ އެންޑް ރޮބާޓްސް" ކިޔާ ކުންފުންޏެއްގައި އޮންނަ ކަމަށް ބުނެފައިވެ އެވެ. އެހެން ނަމަވެސް، "އެޓޯލް ކޮމިޔުނިކޭޝަންސް"ގެ ވާހަކައެއް އެ ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ.

ޓީއެމްއޭއިން މިހާރު ހިންގަމުންދާ ޓާމިނަލާ އެއްވަރުގެ ޖާގައެއް، މިހާރު ކުލި ނަގާ ރޭޓުން އަލަށް ހަދާ ސީޕްލޭން ޓާމިނަލުން އެކުންފުންޏަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް ޓާމިނަލްގެ ބޮޑު ބައެއް އެގޮތަށް ދިނުމަކީ އެމްއޭސީއެލްއަށް އެ ޓާމިނަލުން ލިބެން ޖެހޭ ފައިދާއިން ބޮޑު އަދަދެއް އުނިވާނެ ކަމެއްގެ ގޮތުގައި ބައެއް އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދަނީ ފާހަގަ ކުރައްވަމުންނެވެ.

އެއާއެކު މިދިޔަ ބުރާސްފަތި ދުވަހު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ސީޕްލޭން ޓާމިނަލް ހަވާލުކުރަން ނިންމާފައި ވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނާޖާއިޒް ފައިދާ ލިބޭ ގޮތަކަށް ކަމަށް ތުހުމަތުވާތީ، އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ބުނެފަ އެވެ.

މި މައްސަލަގަނޑު ތެރެއަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝިދުވެސް ވަނީ ވަދެފައެވެ. އެއާއެކު އެމަނިކުފާނަށްވެސް ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، ޓާމިނަލް މައްސަލައާ ގުޅޭ ގޮތުން ބަސް ބުނީ، އެއީ އިގްތިސާދަށް ގެލުން ވެދާނެ ކަމެއް ކަމަށް ދެކޭތީ ކަމަށާއި އެކަމުގައި ހިމެނޭ އެއްވެސް ޕާޓީއަކާ ގުޅުމެއް ނެތް ކަމަށެވެ.

comment ކޮމެންޓް