ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ހިފުމަށްފަހުގައި ނޫނީ ހަނގުރާމަ ހުއްޓާނުލަން ހަފްތަރު ނިންމައިފި

ލީބިޔާގެ ވެރިރަށް ޓްރިޕޮލީ އަށް ހަފްތަރުގެ ބާރުތަކުން ހަމަލާތައް ދެނީ

ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ހިފުމަށް ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށާއި ޓްރިޕޮލީ އަތްދަށުލުން އޮތީ ވަރަށް ގާތުގައި ކަމަށް އެގައުމުގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރު މިއަދުވަނީ ވިދާޅުވެފަ އެވެ.

ލީބިޔާގެ ޕްރައިވެޓް ޓީވީ ޗެނެލްތަކުން ވަގުތުން ދުރަށް ފޮނުވި ޚިތާބެއްގައި ޖެނެރަލް ހަފްތަރު މިއަދު ވިދާޅުވީ ތިން މިލިޔަން މީހުން ދިރިއުޅޭ ޓްރިޕޮލީ އާއި އެސިޓީގެ ހުޅަނުގައިވާ މަދު ސަރަހައްދުތައް މެނުވީ ލީބިޔާގެ ހުރިހާ ސަރަހައްދުތަކެއް ވަނީ އޭނާގެ ބާރުތަކުގެ ކޮންޓްރޯލްގެ ދަށުގައި ކަމުގަ އެވެ.

ލީބިޔާގެ ސިފައިންގެ ލަޝްކަރުތަކުގެ ގޮތުގައި ސިފަކުރާ ހަފްތަރުގެ ބާރުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި އަސްކަރީ ގޮތުން އެހީތެރިވަނީ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އާއި މިސްރުންނެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި ހަފްތަރުގެ ބާރުތަކަށް ވާގިވާ ގައުމުތަކުގެ ލިސްޓުގައި ސައޫދީ އަރަބިއާއާއި ފަރަންސޭސިވިލާތާއި ރަޝިޔާ ވެސް ހިމެނެ އެވެ.

ޖެނެރަލް ޚަލީފާ ހަފްތަރު

ލީބިޔާގެ ޝަރުއީ ސަރުކާރުގެ ގޮތުގައި ބައިނަލްއަގްވާމީ ގޮތުން އިއްތރާފްވެފައި ވަނީ އދ.ގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށެވެ. ލީބިޔާގެ ކުރީގެ ޒައީމް ކާނަލް ގައްޒާފީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގައި އުޅުއްވި ލީބިޔާގެ އެދުވަސްވަރުގެ އިދިކޮޅު ލީޑަރުންގެ ތެރޭގައި ހިމެނޭ ޑރ. ފާއިޒް އައްސައްރާޖު ބޮޑުވަޒީރަކަށް ހުންނަވާ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ކޮންޓްރޯލް އޮންނަނީ ވެރިރަށް ޓްރިޕޮލީ (ތަރާބްލްސް) އާއި ޓްރިޕޮލީގެ ހުޅަނގުގައިވާ ކުޑަ ސަރަހައްދަކަށެވެ.

އެއް މިލިޔަން އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބިމެއް އޮންނަ އަދި ތެލާއި ގުދްރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ލީބިއާގެ ދެން ހުރިހާ ސަރަހައްދުތަކެއް ވެސް ޖެނެރަލް ހަފްތަރުގެ ބާރުތަކުންވަނީ ހަނގުރާމަކޮށްގެން ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ. ޑރ. ފާއިޒް އައްސައްރާޖުގެ ބޮޑުވަޒީރުކަމުގައި އދ. އިސްކޮށް އޮވެގެން އުފައްދާފައިޥާ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަކީ އިސްލާމީ ފިކުރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ލީޑަރުންނާއި އެޖަމާއަތަށް ތާއީދުކުރާ ލީބިޔާގެ ހަނގުރާމަވެރިންނާއި އަސްކަރީ މިލީޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ސަރުކާރެއް ކަމަށް މިސްރާއި ޔޫއޭއީ އާއި ސައޫދީން ދެކެ އެވެ.

ޖެނެރަލް ހަފްތަރުގެ ބާރުތައް ޓްރިޕޮލީ ވަށާލާފާމިތިން ގައުމުން އިސްލާމީ ފިކުރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތް ސިފަކުރަނީ ވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގަ އެވެ. މިގޮތަށް ސިފަކުރަނީ އިޚްވާން ޖަމާއަތަކީ އެގައުމުތަކުގައި ހިންގާ އާއިލީ ވިރާޘީ ރަސްކަމުގެ ނިޒާމުތަކާއި ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމުތަކަށް ހުރި ބިރެއްކަމަށްވާތީ އެވެ. ނުވަތަ އިޚްވާނުންގެ ސަބަބުން އެ ނިޒާމުތައް ވެއްޓިގެން ހިނގައިދާނެތީ އެވެ.

ޑރ. ފާއިޒް އައްސައްރާޖުގެ ސަރުކާރަށް ލީބިޔާގެ ކޮންޓްރޯލް ލިބިއްޖެނަމަ ލީބިޔާގައި ވެރިކަންކުރާނީ އިޚްވާނުލްމުސްލިމޫން (މުސްލިމް ބްރަދާހުޑް) ޖަމާއަތުންކަމަށް މިސްރާއި ޔޫއޭއީ އާއި ސައޫދީން ދެކޭ ދެކުމަކީ އެގައުމުތަކުން ޖެނެރަލް ހަފްތަރަށް ތާއީދުކޮށް ވާގިވެރިވާ މައިގަނޑު ސަބަބެވެ. ނަމަވެސް ލީބިޔާގައިވާ ތެލާއި ގުދްރަތީ ގޭހުގެ މުއްސަނދިކަމަކީ ވެސް ލީބިޔާގެ ކޮންޓްރޯލް ހޯދަން ބޭރުގެ މި ގައުތައް ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ލިބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ބޮޑުވަޒީރު ޑރ. ފާއިޒް އައްސައްރާޖް

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމަށް ފަހު އެގައުމުގައި ދިމުގްރާތީ އުސޫލުން އުފެއްދި ޑރ. މުހައްމަދު މުރްސީގެ ސަރުކާރު ވައްޓާލުމަށް ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ގެންނެވި އަސްކަރީ އިންގިލާބަށް ވެސް ސީދާގޮތެއްގައި އެހީތެރިވީ އިޚްވާނުން ދެކެ އެންމެ ބޮޑަށް ރުޅިއަންނަ ސައޫދީ އާއި ޔޫއޭއީ އެވެ. މުރްސީގެ ދިމުގްރާތީ ސަރުކާރަކީ އިސްލާމީ ސިޔާސީ ފިކުރުގެ އިޚްވާނުލްމުސްލިމޫންގެ ޖަމާއަތުގެ ސަރުކާރަކަށްވާތީ އެސަރުކާރު ވައްޓާލުމުގެ ފަހަތުގައި އިސްރާއީލާއި އެމެރިކާ ވެސް މުހިއްމު ދައުރެއް އަދާކުރިކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލީބިޔާގެ ޓީވީތައް މެދުވެރިކޮށް ޖެނެރަލް ހަފްތަރު ދެއްވި ޚިތާބުގައި ވިދާޅުވީ އޭނާގެ ބާރުތަކުން ޓްރިޕޮލީ އަތްދަށުލުން ވަނީ ވަރަށް ގާތުގައި ކަމަށާ އެމަގްސަދު ހާސިލްކޮށްފައިނޫނީ ހަނގުރާމަ ހުއްޓާނުލާނެކަމުގަ އެވެ. ޓްރިޕޮލީ ހިފުމަށް ފަހު ލީބިޔާއިން ޓެރަރިސްޓުން އެއްކޮށް ބަލިކޮށް ލީބިއާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް ފަށާނެކަމަށް ވެސް މިސްރާއި ޔޫއޭއީގެ އެޖެންޓެއްގެ ގޮތުގައި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ސިފަކުރާ ޖެނެރަލް ހަފްތަރު ވިދާޅުވި އެވެ.

ހަފްތަރަކީ ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ޓީމުގައި ހިމެނުނު ޖެނެރަލެއް ނަމަވެސް ފަހުން އޭނާވަނީ ގައްޒާފީއަށް ޣައްދާރުވެ އެމެރިކާއާ ގުޅިގެން ގައްޒާފީގެ ވެރިކަން ވައްޓާލަން ގިނަ މަސައްކަތްކޮށްފަ އެވެ.

ޔޫއޭއީއާއި މިސްރުން ޖެނެރަލް ހަފްތަރަށް އެމެރިކާގެ ޒަމާނީ ބަރުހަތިޔާރުން ވާގިވެރިވާއިރު ހަފްތަރުގެ ވާދަވެރިޔާ ކަމަށްވާ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބާރުތަކުގެ ގޮތުގައި ތިބީ ހަނގުރާމަވެރި ޖަމާއަތްތަކެކެވެ. އެ ޖަމާއަތްތަކަށް ވާގިވެރިވަނީ ތުރުކީންނެވެ. ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލްގައްޒާފީގެ ވެރިކަމުގެ ދުވަސްވަރު އޮތް ލީބިޔާގެ ސިފައިންގެ ލަޝްކަރު ވެސް އޮތީ ޖެނެރަލް ހަފްތަރުގެ ކޮންޓްރޯލްގެ ދަށުގަ އެވެ. މީގެ އިތުރުން ރަޝިއާގެ އަމިއްލަ ކުންފުންޏެއްގެ ކުޅި ސިފައިން ވެސް ޖެނެރަލް ހަފްތަރުގެ ބާރުތަކާއެކު ހަނގުރާމަ ކުރަމުން ގެންދެ އެވެ.

ހަފްތަރުގެ ބާރުތަކުގެ ފަރާތުން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބާރުތަކަށް ދޭ ޙަމަލާތައް ބައެއް ފަހަރު ތަންފީޒު ކުރަނީ ވެސް މިސްރުގެ ވައިގެ ސިފައިންނެވެ. އަދި ވައިގެ މަގުން ޙަމަލާތައް ޒަމާނީ އަސްކަރީ ޑްރޯންތައް ހަފްތަރުގެ ބާރުތަކަށް ދެނީ އިޚްވާނުލްމުސްލިމޫން ޖަމާއަތާ އެންމެ އިދިކޮޅު އަރަބި އެއްގައުމު ކަމަށްޥާ ޔޫއޭއީންނެވެ. ޖެނެރަލް ހަފްތަރާ ގުޅިގެން މުޅި ލީބިޔާ ކޮންޓްރޯލް ހޯދުމުގައި ޔޫއޭއީގެ ބޭނުންތަކުގެ ތެރޭގައި ލީބިޔާގެ ބަނދަރުތައް ޔޫއޭއީގެ ކުންފުނިތަކަށް ހޯދައި ދިނުން ވެސް ހިމެނޭ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. މެޑިޓަރޭނިއަން ކަނޑުގައި ޔޫރަޕަށް ކުރިމަތިވާގޮތަށް ގްރީސް އިޓަލީ، އަދި ފަރަންސޭސިވިލާތާ ވަރަށް ގާތުގައި ލީބިޔާގެ 10 ކަނޑުގެ ބަނދަރު އޮވެ އެވެ.

މީގެތެރެއިން ހަތް ބަނދަރަކީ ތެލުގެ ބަނދަރުތަކެވެ. އަނެއް ތިންބަނދަރަކީ އާންމު މުދާ އިންޕޯޓް އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ ވިޔާފާރީ ގެ ބޮޑެތި ބަނދަރުތަކެވެ. ޖެނެރަލް ހަފްތަރާ ގުޅިގެން މުޅި ލީބިޔާ ކޮންޓްރޯލް ހޯދުމުގައި މިސްރުގެ ބޭނުންތަކުގެ ތެރޭގައި އިޚްވާނުލްމުސްލިމޫންގެ ވެރިކަން ވައްޓާލުމުގެ އިތުރުން ލީބިޔާގައި ތެލާއި ގުދްރަތީ ގޭހުން ފައިދާ ނެގުން ވެސް ހިމެނޭ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

ހަފްތަރުގެ އިންޒާރާ ގުޅިގެން ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ރިޔާސީ މަޖިލީހުގެ މެންބަރެއް ކަމަށްވާ މުހައްމަދު ޢިމާރީ ވިދާޅުވެފައި ވަނީ ޓްރިޕޮލީ ލޭގެ ކޯރަކަށްވެ ޓްރިޕޮލީގައި ދިރިއުޅޭ ތިން މިލިޔަން މީހުން ލޭ ގެ ކަނޑެއްގައި ޣަރަގުވިނަމަވެސް އެސިޓީގެ ދިފާއުގައި ހަނގުރާމަ ކުރާނެކަމުގެ އިންޒާރު ދެއްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް