ސްޓެލްކޯއިން އެއް ދުވަހުން 3000 ގަސް އިންދައިފި

ގަސްއިންދުމަށް ސްޓެލްކޯއިން މިއަދު ފެށި ރަށްފެހި ޕްރޮގްރާާމްގެ ތެރެއިން--- ފޮޓޯ: ފަޔާޒު މޫސާ

ސްޓެލްކޯއިން އެއް ދުވަހުން 3000 ގަސް އިންދައިފި އެވެ.

މިއީ މުޅި ރާއްޖެ ފެހި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ "ރަށް ފެހި" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯއިން ކޮންމެ އަހަރަވެސް ކުރިޔަށް ގެންދަން ނިންމާފައިވާ "ސްޓްލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން އިންދި ގަސްތަކެކެވެ.

އެ ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ސާފުވައި ލިއްބައިދޭ ތަނަކަށް ހެދުމާއި، އެގަހުން ލިބޭ ފައިދާތަކުގެ މަންފާލިބޭ ބަޔަކަށް ވުން ހިމެނެއެވެ. އޭގެ އިތުރުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގަސް އިންދުމުގެ ޝައުގުވެރިކަން އުފައްދައި، އެކަމަށް އަހުލުވެރިކުރުމުގެ އިތުރުން، ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ދެމެހެއްޓުންވެސް މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިއީ މި ޕްެރޮގްރާމް ސްޓެލްކޯއިން ހިންގާ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރުވެސް މިކުންފުނިން ވަނީ 2000 ގަސް ސްޓެލްކޯގެ ހިދުމަތްދޭ ރަށް ރަށުގައި އިންދާފަ އެވެ.

ގަސްތައް އެއްފަހަރާ އިންދާފައިވަނީ ސްޓެލްކޯއިން ހިދުމަތްދޭ 35 ރަށެއްގައި މިއަދުއެވެ.

ސްޓެލްކޯއިން ބުނީ ގަސްތައް އިންދުމަށް ފަހު އެ ގަސްތައް ބަލެހެއްޓުމުގައިވެސް މުވައްޒަފުން ހަރަކާތްތެރިވާނެކަމަށެވެ.

ސްޓެލްކޯގެ އެކި އެކި ޑިޕާޓަމެންޓްތަކުގެ މެދުގައި މުބާރާތެއްގޮތަށް ކުރިޔަށް ގެންދާ އެ ޕްރޮގްރާމްގައި އެކި އެކި ވަނަތައް ހޮވުމަށްވެސް ހަމަޖެހިފައިވާ ކަަމަށް ސްޓެލްކޯއިން ބުންޏެވެ.

ގަސްއިންދުމުގެ ޕްރޮގްރާމް ފެށުމަށް މިއަދު ހެނދުނު ކ. ތިލަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޢުނީ ވިދާޅުވީ "ރަށް ފެހި" ޕްރޮގްރާމަކީ މި ސަރުކާރު ފެށިގެން އައި އިރު، ރާއްޖޭގެ ތިމާވެއްޓާއިމެދު ރައްޔިތުން އަހުލުވެރިކުރުވާ، ހޭލުންތެރި ކުރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ ސަރުކާރުން އަބަދުވެސް ފަށާ އެފަދަ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުން ކަމަށެވެ.

"މިދިޔަ އަހަރު އަޅުގަޑުމެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި ވަނީ ކޮންމެ މުވައްޒަފަކަށް ގާތްގަނޑަކަށް 2 ގަސް އިންދާފައި. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ދެހާހެއްހާ ގަސް މިދިޔަ އަހަރު އިންދިފަވޭ. މިއަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ، ކޮންމެ މުވައްޒަފަކަށް 3 ގަސް އިންދާ، ތިން ހާހެއްހާ ގަސް އިންދުން" މުޢުނީ ވިދާޅުވި އެވެ.

comment ކޮމެންޓް