ގުރުއާން އިމްތިހާން މަޑުޖައްސާލުމަކީ ބޮޑު ރޭވުމެއް: އާދަމް ޝަރީފު

މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ގްރޭޑް 9،10 ގެ ދަރިވަރުންނަށް ގުރުއާން މާއްދާގެ އިމްތިހާން މަޑު ޖައްސާލުމަކީ، ކަނޑައެޅިގެން ސީދާ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން ކުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑައްވަރީ ދާއިރާ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ތުހުމަތު ކުރައްވައިފި އެވެެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ގްރޭޑް 9، 10 ގައި ކިޔަވަމުންދާ ކީ ސްޓޭޖް ހަަތަރެއްގެ ދަރިވަރުން ގުރުއާން މާއްދާގެ އިމްތިހާނަށް ތައްޔާރުވެފައި ނުވާ ކަމަށް ބުނެ، އެ މާއްދާއަށް އިމްތިހާން ކުރުން މަޑު ޖައްސާލަފަ އެވެ.

އިދިކޮޅުން ރޭ ބޭއްވި އެކޯލިޝަން އޮފީހުގައި ބޭއްވި ޖަލްސާގައި އާދަމް ޝަރީފު ވަނީ އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ތައުލީމީ ދާއިރާއަށާއި ތައުލީމީ މަންހަޖަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނައި ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ތައުލީމީ ނިޒާމް ފެންނަނީ، ވަރަށް ބޮޑަށް ކަންބޮޑުވާ ދަރަޖައެއްގައި ކަމަށާއި ތައުލީމީ މަންހަޖު ތަންފީޒު ކުރުމުގައި މި ސަރުކާރު ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް އަދަމް ޝަރީފު ވިދާޅުވި އެވެ.

"މި ސަރުކާރަކީ އަބަދުވެސް ދީނީ މި ބާވަތުގެ ކަންތައްތައްކަށް ފަސް ޖެހޭ، ދީނީ އެހެން ފިކުރުތަކެއް ފަތުރަން މަސައްކަތް ކުރާ ބަޔަކަށް ވާތީވެ، ހަމަ ގަސްތުގައި ކަނޑައެޅިގެން ސަރުކާރުގެ ރޭވުމެއްގެ ތެރެއިން ގުރުއާނަށް މިގޮތަށް ހަދަމުން ގެންދަނީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ، މިދިޔަ އަހަރު ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އިން މިދިޔަ އަހަރު ގްރޭޑް ނުވައެއްގެ ގުރުއާން މާއްދާ ކިޔަވައިދެމުންދާއިރު ދަރިވަރުންނަށް ހާސިލްވާން ޖެހޭ މިންވަރު ދެނެގަތުމަށް އުސޫލުތަކެއް ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ހޭލުންތެރިކަން ނެތުމުން ކުރަން ޖެހޭ ކަންތައްތައް ނުކޮށް ކުއްލިއަކަށް އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާ ހިމެނުމުން ނަތީޖާއަކަށްވީ، ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިމްތިހާނަށް ތައްޔާރު ނޫން ކަމަށް ބުނެ އިމްތިހާނު ފަސްކޮށްލުމަކީ ސީދާ ސަރުކާރު އިހުމާލު ކަމަށެވެ. އަދި ސަރުކާރުގެ އެ ގާބިލިއްޔަތުކަން ނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިހިނެތްތޯ ސަރުކާރަށް ބުނެދޭނީ އެހެން މާއްދާތަކަށް ދަރިވަރުންތިބީ ތައްޔާރުވެފައި ކަން. ކަނޑައެޅިގެން ސަރުކާރުގެ ރޭވުމެއްގެ ދަށުން ގުރުއާނާއި އިސްލާމް ދީނަށް މި ސަރުކާރުން އަހައްމިއްޔަތުކަން ނެތް ކަން ރައްޔިތުންނަށް އަންގައި ދިނުމަށްމައްޓަކައި ސީދާ ރައްޔިތުން ޓެސްޓު ކުރަނީ. ރައްޔިތުންނަށް ގޮންޖަމުން އެދަނީ،" ރައީސް ޔާމީން ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފު ވިދާޅުވި އެވެ.

މިދިޔަ އަހަރު ގުރުއާން މާއްދާ އެކަށީގެންވާ ގޮތެއްގައި ކިޔަވައި ނުދިނުމުގެ ސަބަބުން އެ މާއްދާގެ އިމްތިހާން މަޑު ޖައްސާލަން ޖެހުން ގަބޫލު ނުކުރެވޭނެ ކަމަށާއި އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ "އެއްވެސް ޝަރުތަކާ ނުލާ" މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މިނިސްޓްރީން އެ އިމްތިހާން މަޑުޖައްސާލިކަމަށް ބުނުމަކީ ކަނޑައެޅިގެން އޮޅުވާޅުން ކަމެވެ. ގްރޭޑް 10 ގެ ދަރިވަރުންނަށް ދެން އެ އިމްތިހާނެއް ނުހެދޭނެ ކަން ސަރުކާރަށްވެސް އެނގޭނެ ކަމަށާއި އެއީ ބޮޑު އޮޅުވާލުމެއްގެ ގޮތުގައި އާދަމް ޝަރީފު ސިފަ ކުރެއްވި އެވެ.

"އަޅުގަނޑު ދަންނަވާނީ ތަކުރާރުކޮށް އެޑިއުކޭޝަން [އައިޝަތު އަލީ] މިނިސްޓަރު ރާއްޖޭގެ ތައުލީމީ ވުޒާރާއިން ނުކުންނަވައިގެން ގެއަށް ވަޑައިގަންނަވަން. އެކަމަނާ ވަޑައިނުގަންނަވާ ކަމަށްވާނަމަ، ކުރީގެ އެމްޑީޕީ ސަރުކާރަށް ހެދި ގޮތަށް ރައްޔިތުން ނުކުމެ، ޑަބިޔާ ޖަހައިގެން ކަމަށްވިޔަސް، މަގުމަށްޗަށް ނުކުމުގެން ކަމަށްވިޔަސް، އެޑިއުކޭޝަން މިނިސްޓަރު އެ މަގާމުން ވަކިކޮށްފައި ނުނީ ރައްޔިތުން މަޑަކުން ނުތިބޭނެ. އެހެން ނޫނީ ގުރުއާނަށް ދޭން ޖެހޭ ސަމާލުކަން ދެއްވާށޭ،" ވާހަކަކޮޅު ނިންމާލަވައްމުން އާދަމް ޝަރީފު ވިދާޅުވި އެވެ.

މިނިސްޓަރު އައިޝަތު އަލީ ސޮއިކޮށް އިއްޔެ ނެރުނު ސާކިއުލާގައި ބުުނީ، ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށެވެ. މަންހަޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު އެ މަންހަޖެއްގައިވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށްވެސް ފުރިހަމައަށް ލިބެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މިހާރު ކީ ސްޓޭޖުގައި ތިބި ދަރިވަރުންނަކީ، އެ ހުރިހާ މަރުހަލާތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންނަށްވުމުން އެ ފެންވަރުގައި ގުރުއާން ކިޔަވައިދިނުމާއި އިމްތިހާންކުރުމުގައި ގޮންޖެހުންތަކާ ކުރިމަތުވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ކީސްޓޭޖް ހަތަރެއްގައި ކިޔަވަމުންދާ ދަރިވަރުން ތިބީ އިމްތިހާނެއް ހަދަން ތައްޔާރުކެރެވިފައި ނޫން ކަމަށް މިނިސްޓަރީގެ ސާކިއުލާގައި ބުނެ އެވެ.

"މި ކަންކަމަށް ރިއާޔަތްކޮށް، ކީ ސްޓޭޖް ހަތަރެއްގެ މުގައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރުކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކަނޑައަޅާފައިވާ އިމްތިހާންކުރުމުގެ އުސޫލަށް އަމަލުކުރަން ފަސް ކުރުމަށް ހަމަޖައްސާފީމެވެ،" ސަކިއުލާގައި ބުނެފައިވެ އެވެ.

އެސްއެސްއީ އިމްތިހާނުގައި ގުރުއާން މަޖުބުރު މާއްދާއެއްގެ ގޮތުގައި ހިމަނައި ދަރިވަރުންނަށް ކުއްލިއަކަށް ބޮޑެތި މަސައްކަތްތަކެއް ހަވާލުކުރުމުން ބެލެނިވެރިން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި އެވެ. އެގޮތުން އެކަމާ ގުޅިގެން މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހެޅި އެވެ.

ގުރުއާން އމްތިހާން މަޖުބޫރުކޮށްފައި އޮތް އޮތުން އެޑިއުކޭޝަނުން މަޑުޖައްސާލިއިރު، ގުރުއާން އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުންވެސް މިނިސްޓްރީއަށް އަމާޒުވި އެވެ. ނަމަވެސް އެކަން ދޮގުކުރެ އެވެ.

comment ކޮމެންޓް