ސްޓްރެޓިޖިކް މަޝްވަރާތަކެއް ކުރެއްވުމަށް އުރުދުޣާން ޕާކިސްތާނަށް ވަޑައިގެންފި

އެރުދުޣާން އާއި އޭނާގެ އަނބިކަނބަލުން އިސްލާމްއާބާދު އެއާޕޯޓްގައި

އިސްލާމް އާބާދު (13 ފެބްރުއަރީ 2020): ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާން އިސްލާމް އާބަދަށް ވަޑައިގެންފިއެވެ.

މިއީ ޕާކިސްތާނާއި ތުރުކީ ގެ ގުޅުންތައް ބަދަހިކުރުމަށްޓަކައި އެދެގައުމު ގުޅިގެން އުފައްދާފައިވާ މަތީފެންވަރުގެ ކައުންސިލެއްކަމަށްވާ ހައިލެވެލް ސްޓްރެޓީޖިކް ކޯޕަރޭޝަން ކައުންސިލް ގެ ބައްދަލުވުމެއް އިސްލާމް އާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އުރުދުޣާން ކުރައްވާ ދަތުރުފުޅެކެވެ. ޕާކިސްތާން ތުރުކީ ގެ ހައިލެވެލް ސްޓްރެޓީޖިކް ކޯޕަރޭޝަން ކައުންސިލްއަކީ އެދެގައުން ސްޓްރެޓީޖިކް ކަންކަމުގައި އެއްގައުމު އަނެއްގައުމަށް އެއްބާރުލުން ދިނުމަށާއި އެފަދަކަންކަން ރާވައި ހިންގުމަށް އެދެގައުމުން ދާދިފަހުން އުފެއްދި ކައުންސިލެކެވެ.

މި ކައުންސިލްގެ ތެރެއިން އެދެގައުމު ސްޓްރެޓީޖިކް ގޮތުން އެއްބާރުލުން ދޭ ކަންކަމުގެ ތެރޭގައި އިސްލާމީ ދުނިޔެއަށް ކުރިމަތިވަމުންދާ ބޮޑެތި މައްސަލަތަކާ އަދި ތަހައްދީތަކާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމާއި އިސްލާމީ އުންމަތުގެ މަސްލަހަތުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި އިސްލާމް ފޯބިއާއާއި އިސްލާމް ދީނަށާއި ކީރިތި ރަސޫލާ (ސއވ) އަށް ފުރައްސާރަކުރުންފަދަ މުސްލިމުންނަށް ކުރިމަތިވަމުންދާ ގޮންޖެހުމުގެ ބޮޑެތި އޮއިވަރުތަކާއި ކުރިމަތިލުމާއި ފަލަސްތީނާއި ކަޝްމީރާއި ރޮހިންގްޔާ މުސްލިމުންގެ މައްސަލަތައްފަދަ އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ހައްސާސް މައްސަލަތަކާ ކުރިމަތިލުމުގައި ދެގައުމުން ވިލަރެސްކުރުން ފަދަކަންކަންވެސް ޕާކިސްތާން ތުރުކީގެ ސްޓްރެޓީޖިކް ކޯޕަރޭޝަން ކައުންސިލް ގެ އިޚްތިސާސްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން ހަތިޔާރާއި ފަޒާގެ ދާއިރާތައްފަދަ މަތީފެންވަރުގެ އިލްމީ އަދި ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި އެއްގައުމުން އަނެއްގައުމަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ ތަޖްރިބާތައް ބަދަލުކުރުންވެސް ހިމެނެއެވެ.

އިސްލާމް އާބާދު އިންޓަނޭޝަނަލް އެއާޕޯޓުން އެރުދުޣާނަށް މަރްހަބާ ދެންނެވި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއާއި އޭނާގެ ކެބިނެޓާއި ޕާކިސްތާން ސިފައިންގެ އިސް އޮފްސަރުންނެވެ. އެއަށްފަހު އެރުދުޣާން އާއި އިމްރާން ޚާން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދަވާނެއެވެ. އޭގެފަހުން ދެގައުމުގެ އިސް މަސްއޫލުވެރިން ހިމެނިވަޑައިގަންނަވާގޮތަށް ޕާކިސްތާން ތުރުކީ ހައިލެވެލް ސްޓްރެޓީޖިކް ކޯޕަރޭޝަން ކައުންސިލް ގެ ބައްދަލުވުމުގައި ދެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެރުދުޣާން ގެ ދަތުރުފުޅުގައި ޕާކިސްތާނުގެ ޕާލަމެންޓްގެ ދެގެ ކަމަށްވާ ނެޝަނަލް ކައުންސިލާއި ސެނެޓްގެ ގުޅިފައިވާ ޖަލްސާއެއްގައި ތަގްރީރު ކުރެއްވުމުގެ އިތުރުން ޕާކިސްތާނުގެ ރައީސް ރައީސް އާރިފް އަލަވީގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. އިމްރާން ޚާންގެ ވެރިކަމުގައި ޕާކިސްތާނާއި ތުރުކީގެ ގުޅުންތައްވަނީ ކުރިއަށްވުރެ ބޮޑަށް ބަދަހިވެގެން ގޮސްފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް