ތިން ކޯޓެއް ބަދަލުކުރަން ހުޅުމާލޭގައި އިމާރާތެއް ހަދަނީ

ހުޅުމާލެ ޝަރުއީ ކޯޓު ކޮމްޕްލެކްސް އަޅަން އެޗްޑީސީއާ ބިން ހަވާލުކުރުން-- ސަންފޮޓޯ

ކޯޓު ކޮމްޕްލެކްސް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ފެމިލީ ކޯޓު، ސިވިލް ކޯޓު އަދި ޖުވެނައިލް ކޯޓަށް 10 ބުރީގެ އިމާރާތެއް ދޭން ނިންމައިފި އެވެ.

ޑީޖޭއޭއިން އެކަން ހާމަކުރީ ހުޅުމާލޭގައި ޝަރުއީ ކޯޓު ކޮމްޕްލެކްސްއެއް އަޅަން ލިބުނު ބިން އެޗްޑީސީއާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެ އެއްބަސްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު އަދި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.

އާ އިމާރާތް އެޅުމަށްޓަކައި ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުން އެޗްޑީސީއާ ހަވާލުކުރި ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 37،000 އަކަފޫޓެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. ނަޒީރު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭވަރު ވާނެ ކަމަށެވެ.

ހުޅުމާލެ ޝަރުއީ ކޯޓު ކޮމްޕްލެކްސް އަޅަން އެޗްޑީސީއާ ބިން ހަވާލުކުރުން-- ސަންފޮޓޯ

"މި ބަލަނީ ސިވިލް ކޯޓާއި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓު ފުރަތަމަ ފިޔަވަހީގެ ދަށުން ނިމޭ ބިލްޑިންއަށް ބަދަލު ކުރަން... ދެވަނަ ފިޔަވަހީގައި ބަލާނީ ކްރިމިނަލް ކޯޓަށް ޖާގަ އުފައްދަން. މާލޭގައި މިހިރަ ހުރިހާ ސުޕީރިއާ ކޯޓުތަކާއި ހައިކޯޓު ވެސް އެތަނަށް [ކޯޓު ކޮމްޕްލެކްސްއަށް] ބަދަލުވެގެންދާނެ." ޑރ. ނަޒީރު ވިދާޅުވި އެވެ.

ސިވިލް ކޯޓު މިހާރު ހިންގަމުން އަންނަ ތިން ފަންގިފިލާގެ ޖަސްޓިސް ބިލްޑިންއަކީ ގާތްގަނޑަކަށް 5،000 އަކަފޫޓުގެ ބިމެކެވެ. އަދި ފެމިލީ ކޯޓު ހިންގަމުން އަންނަ ބިމުގައި 5،000 އަކަފޫޓު ވެސް ހަމަނުވާނެ ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ.

ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ

މީގެ އިތުރުން ޑރ. ނަޒީރު ވިދާޅުވީ ކޯޓު ކޮމްޕްލެކްސްގެ އާ އިމާރާތް ނިމުމުން ކޯޓުތަކުގައި ބޭއްވޭ އަޑުއެހުންތަކުގެ އަދަދު ވަރަށް ބޮޑު ތަނުން އިތުުރުވެގެންދާނެ ކަމަށެވެ.

"މިހާރު ކޮންމެ ފަނޑިޔާރަކަށް ނުހުރޭ ވަކިން ކޯޓު ރޫމެއް. އާ އިމާރާތް ތަރައްގީ ކުރާނީ ކޮންމެ ފަނޑިޔާރަކަށް ކޯޓު ރޫމެއް ހުންނަ ގޮތަށް. މީގެ ސަބަބުން ކޮންމެ ދުވަހަކު ވެސް އެއްފަހަރާ ގިނަ މައްސަލަތައް ޝެޑިއުލް ކުރެވޭނެ އަދި ޝެޑިއުލް ކުރެވޭ މައްސަލަތަކުގެ އަދަދު އިތުރުވެގެންދާނެ." ޑރ. ނަޒީރު ވިދާޅުވި އެވެ.

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި މާލޭގެ ސުޕީރިއާ ކޯޓުތައް ބަދަލުކުރަން ހުޅުމާލޭގައި ކޯޓު ކޮމްޕްލެކްސްއެއް އަޅަން ނިންމާފައިވާއިރު، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ކޯޓު ކޮމްޕްލެކްސް އަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި އަންނަ ހަފްތާގެ ތެރޭގައި ޝަރުއީ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅަން މަސައްކަތް ކުރަމުންދާއިރު، އެތަނުގެ ބިންގާ އަޅުއްވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް ނަޒީރު ވިދާޅުވި އެވެ.

comment ކޮމެންޓް