ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސަށް އިތުރު ތިން މީހަކު ޕޮޒިޓިޒް ވެއްޖެ އެވެެ.
މިއަދު މެންދުރު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރު އަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް 173 މީހުން ހިމަބިއްސަށް ޓެސްޓުކޮށްފައިވާ ކަމަށާއި ނަަމަވެސް ބަލި ފެނުނީ އެންމެ 12 މީހުންގެ ގައިން ކަމަށެވެ. އެހެންކަމުން ބަލި އަދިވެސް ކޮންޓްރޯލް ނުކުރެވޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހިމަބިހި ރާއްޖެއިން ނައްތާލާފައިވަނިކޮށް އެ ބަލި އަނެއްކާވެސް ފެނިފައިވަނީ މިދިޔަމަހުގެ އަށްވަނަ ދުވަހު އެވެ. އެބައްޔަށް ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ތިން އަހަރުގެ ކުއްޖެެއްގެ ގައިންނެވެ.
ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެމީހުން ދިރިއުޅޭ ސަރަހައްދުގެ އެންމެނަށް ވަނީ ވެކްސިން ދީފަ އެވެ.
ހިމަބިއްސަކީ ގައިންގަޔަށް އަރާ، ފަސޭހައިން ފެތުރޭ ބައްޔެކެވެ. އެބަލީގެ ސަބަބުން ލޮލުން ފެން އައުމާއި ގަދަޔަށް ހުންއައިސް ގައިގައި ބިހި ނެގުން ފަދަ ކަންތައް ދިމާވެ އެވެ.
ބަލިން ރައްކާތެރިވުމަށް މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަންޖެހެ އެވެ.
ހިމަބިހި މިފަހުން ފެތުރެން ފެށިފަހުން ރާއްޖޭގައި މިހާތަނަށް 7900 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.