މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކްލައިމެޓް އިމާޖެންސީ އިއުލާން ކުރަމުންދާއިރު ރާއްޖެއިންވެސް ދަނީ އެފަދަ ހާލަތެއް އިއުލާނުކުރުމަށް ތައްޔާރުވަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މި ވަގުތަށް ކްލައިމެޓް އިމާޖެންސީއެއް އިއުލާންކުރުން މުހިއްމު ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަމު ކްލައިމެޓް އިމާޖެންސީއަކީ ކޮބާހެއްޔެވެ؟ އަދި އެފަދަ ހާލަތެއް އިއުލާންކުރުމުން ވަނީ ކިހިނެއް ހެއްޔެވެ؟
މޫސުމަށް އަންނަ ބަދަލުތަކުގެ ހާލަތު ސީރިއަސް ވުމާ ގުޅިގެން އޮކްސްފޯޑުގެ މިދިޔަ އަހަރުގެ ބަހަކަށް ހަދާފައިވަނީވެސް "ކްލައިމެޓް އިމާޖެންސީ"އެވެ. އެ ފަރާތްތަކުން ކްލައިމެޓް އިމާޖެންސީ މާނަކުރަނީ މޫސުމަށް އަންނަ ބަދަލުތައް އަވަސް ގޮތެއްގައި ކުޑަކުރުމަށް ނުވަތަ ހުއްޓުވުމަށް ފިޔަވަޅު އެޅުމުގެ ހާލަތު ގޮތުގައެވެ. އަދި އެއީ އިޔާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކުން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ ހާލަތެއް ކަމަށްވެސް އޮކްސްފޯޑުގައި މާނަކުރެއެވެ.
ކްލައިމެޓް އިމާޖެންސީ އިއުލާންކުރުމަކީ ކޮބާ؟
ކްލައިމެޓް އިމާޖެންސީ އިއުލާނު ކުރުމަކީ ގައުމެއްގައި ސްޓޭޓް އޮފް އިމާޖެންސީއެއް އިއުލާންކުރުން ފަދަ ކަމެކެވެ. އެހެންނަމަވެސް ކްލައިމެޓް އިމާޖެންސީ އިއުލާންކުރުމުން ކުއްލި ހާލަތު ބިނާވެފައި އޮންނާނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅިގެންނެވެ.
ކްލައިމެޓް އިމާޖެންސީ އަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ތަފާތު ގައުމުތަކުގެ ސަރުކާރުންނާއި ސައިންޓިސްޓުން ބޭނުންކުރާ ހާއްސަ ސްޓްރެޓެޖީއެކެވެ.
މޫސުމަށް އަންނަ ބަދަލާ ގުޅިގެން ކުއްލި ހާލަތެއް އިއުލާނުކުރުމަށްފަހު ދެވަނަ ފިޔަވަޅަކަށް ވެގެންދާނީ މޫސުމަށް އަންނަ ބަދަލުތައް އެއްކޮށް ހުއްޓާލުމަށް ނުވަތަ ކުޑަކުރުމަށް ބޮޑެތި ފިޔަވަޅުތައް އެޅުމަށް ކަންތައްތަކެއް ރާވައި އެފަދަ ކަންތައްތައް އިއުލާނުކުރުމެވެ.
މިދިޔަ ޖެނުއަރީއާ ހަމައަށް ޖުމްލަ 25 ގައުމަކުން ވަނީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ކްލައިމެޓް އިމާޖެންސީ އިއުލާނުކޮށްފައެވެ.
އިމާޖެންސީ ހާލަތު އިއުލާނުކުރުމުން ވާނީ ކިހިނެއް؟
ކްލައިމެޓް އިމާޖެންސީއެއް އިއުލާނުކުރުމަކީ، ދުނިޔެ ހޫނުވަމުން އަންނަ ކަމާއި މޫސުމަށް އަންނަ ބަދަލަކީ ބޮޑު އަދި ނުރައްކާ ބަދަލެއް ކަމަށް އެ ސަރުކާރަކުން އެއްބަސްވުމެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމާއި މޫސުމަށް އަންނަ ބަދަލު ކުޑަކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް އެކަށީގެން ނުވާކަމަށްވެސް ސަރުކާރުން ގަބޫލުކުރާ ކަމަށް އެ އިއުލާނުން ބުނެދޭ ކަމަށް ސައިންސުވެރިން ބުނެއެވެ.
ކްލައިމެޓް އިމާޖެންސީ އިއުލާނުކޮށްގެން ކުރާނީ ކޮން ކަމެއް؟
މޫސުމަށް އަންނަ ބަދަލު ކުޑަކުރުމަށް ކްލައިމެޓް އިމާޖެންސީ އިއުލާނުކުރުމުން، އިންސާނުންގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަންތައް ކުޑަކުރުމަށްޓަކައި ބޮޑެތި ފިޔަވަޅުތައް އެޅުމަށް ކަނޑައެޅޭނެއެވެ. އެގޮތުން ސީދާ ތިމާވެށްޓަށް ގެއްލުން ކުރާ ތަކެތި މަނާކުރުން ފަދަ "ރެޑިކަލް" ގޮތްތައް ކަނޑައެޅުން ހިމެނެއެވެ.
ޕޯޕް ޕްރާންސެސް ވެސް ވަނީ މިދިޔަ އަހަރުގެ ކްލައިމެޓް އިމާޖެންސީއެއް އިއުލާނުކުރައްވާފައެވެ. ޕޯޕް ވަނީ "ރޭޑިކަލް ހަކަތައިގެ ޓްރާންޒިޝަން" އަކަށް އިންސާނުން ބަދަލުވުމަށް ގޮވާލާފައެވެ. އަދި ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓުވައި އިޔާދަކުރެވެނި ހަކަތަ އުފެއްދޭނެ ގޮތްތައް ހޯދުމަށްވެސް ޕޯޕް ވަނީ ގޮވާލާފައެވެ.
ކްލައިމެޓް އިމާޖެންސީއާއެކު ރާއްޖެއިން ކުރާނީ ކޮން ކަމެއް؟
ޖަޒީރާ ގައުމެއް ކަމަށްވާ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލާއެކު އެންމެ ބޮޑު އަސަރެއް އެންމެ އަވަހަށް ކުރާނެ އެއް ގައުމު ކަމަށް ގިނަ ސައިންސުވެރިން ބުނެއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ރަށްތައް ގިރުމުގެ މައްސަލަ ވަނީ މިހާރު ބޮޑު މައްސަލައަކަށްވެ ގިނަ ބައެއްގެ ކަންބޮޑުވުމަށް ވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކްލައިމެޓް އިމާޖެންސީ އިއުލާނުކުރުމަށް ގަރާރެއް ފާސްކޮށްފައެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ދަށުން، ކްލައިމެޓް އިމާޖެންސީއާ ގުޅޭ ތަފާތު މަސައްކަތް ކުރުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި:
- ފޮސިލް ފިއުލް އުފެއްދުމުގެ މަަޝްރޫއުތަކަށް ގައުމުތަކުން ކުރަމުން ގެންދާ އިންވެސްޓުމެންޓުތައް އަދި ސަބްސިޑީތައް ހުއްޓުވާލުމަށް ގޮވާލުން
- އިޔާދަކުރެވެނިވި ހަކަތަ އުފައްދާނެ ގޮތްތައް ހޯދުމަށް ހޭދަކުރުން މަގުފަހިކުރުމަށް ގައުމުތަކާއި ޖަމިއްޔާ ޖަމިއްޔާ ޖަމާއަތްތަކަށް ގޮވާލައި ވަކާލާތުކުރުން
- ގައުމުތަކުން ޖައްވަށް ބޭރުކުރާ ކާބަން މަދުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ވަކާލާތު ކުރުން
- ގައުމުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް 40 ޕަސެންޓް ދަށްކުރުމަށާއި 2050 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯއަށް ތިރިކުރުމަށް ގައުމުތަކަށް ގޮވާލާ ރާއްޖެއިން ވަކާލާތު ކުރުން
- ޕެރިސް އެގްރިމެންޓްގެ ރޫހާ ހިލާފަށް މަތީ މިންވަރަކަށް ޖައްވަށް ކާބަން ބޭރުކުރާ ގައުމުތައް ފާހަގަކޮށް އިގްތިސާދީ ގޮތުން އެގައުމުތަކާ ދެކޮޅަށް ފިޔަވަޅުއެޅޭނެ އުސޫލުތަކެއް އދ ގެ ގިއުގަނޑުގެ ދަށުން އެކުލަވާލައި ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތު ކުރުން