އެމެރިކާއާއެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމެއް ފިލިޕީންސުން އުވާލައިފި

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ

މެނީލާ (12 ފެބްރުއަރީ 2020) : އެމެރިކާއާއެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމެއް އުވާލަން ފިލިޕީންސުން ނިންމައިފިއެވެ.

ފިލިޕީންސްގެ މަސްއޫލުވެރިން ވިދާޅުވީ އެމެރިކާގެ ސިފައިންނާއި އަސްކަރީ އުޅަނދުތައް ފިލިޕީންސަށް ޒިޔާރަތް ކުރުމާބެހޭގޮތުން ދެގައުމުން ސޮއިކޮށްފައިވާ އެއްބަސްވުން އުވާލުމަށް ރައީސް ރޮޑްރިގޯ ޑުޓާޓެ ނިންމެވުމާއެކު އެކަން ރަސްމީ ސިފައެއްގައި އެމެރިކާއަށް އަންގާފައިވާނެ ކަމުގައެވެ.

މި އެއްބަސްވުމުގައި އެމެރިކާއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ފިލިޕީސްގެ ސިފައިންނަށާއި އަސްކަރީ އުޅަނދުތަކަށްވެސް ލިބިދެއެވެ. ނަމަވެސް މިއީ ފިލިޕީންސަށް ކުރެވޭވަރުގެ ޚަރަދަކަށްނުވެފައި އެއީ ފިލިޕީންސަށް ބޭނުންވެސް ކަމަކަށްނުވާއިރު މި އެއްބަސްވުމުން ހަގިގީ ފައިދާ ލިބެނީ އެމެރިކާއަށް އެކަނި ކަމަށްވެސް ފިލިޕީންސްގެ މަސްއޫލުވެރިން ވިދާޅުވިއެވެ. ފިލިޕީންސަކީ އެމެރިކާއާއެކު ގިނަ އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކޮށް އެމެރިކާއާ އަސްކަރީ ގޮތުން ވަރަށް ބޮޑަށް ލާމެހިފައިވާ ގައުމެކެވެ. މީގެތެރޭގައި ޒަމާނުއްސުރެ އެމެރިކާގެ އަސްކަރީ ބޭހެއް ޕިލިޕީސްގައި ގާއިމް ކޮށްފައިވުމާއި އެމެރިކާގެ ކަނޑުގެ ސިފައިންނަށް ފިލިޕީންސްގެ ބައެއް ބަނދަރުތަކުގެ ބޭނުންކުރުމުގެ ފުރްސަތު ވަރަށް ކުރީއްސުރެ ދީފައިވުން ހިމެނެއެވެ.

ނަމަވެސް ޑުޓާޓެ ވެރިކަމަށް ވަޑައިގަތުމަށްފަހު ފިލިޕީންސުންވަނީ އެމެރިކާއާ އަސްކަރީ ގޮތުން ދުރަށް ދިޔުމުގެ މުސްތަގިއްލު ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. ފިލިޕީންސްގެ ތަރައްގީގެ ކަންކަމަށް އެމެރިކާގެ އެހީ ނުލިބުމުގެ އިތުރުން އެމެރިކާއިން އެގައުމުގެ ދިފާއީ މަސްލަހަތަށް ޓަކައި ފިލިޕީންސްގެ ވަޔާއި ކަނޑާ އަދި އެއްގަމުގެ ސަރަހައްދުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ޑުޓާޓެ ދެކެވަޑައިގަންނަވާތީ އެމެރިކާ އާ އަސްކަރީ ގުޅުންތައް ކުޑަކުރާނެކަމަށް ޑުޓާޓެ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއާ ދުރަށް ދިޔުމާއެކު ޑުޓާޓެ ގެ ސަރުކާރުންވަނީ އެމެރިކާގެ ވާދަވެރިން ކަމަށްވާ ޗައިނާއާ އަދި ރަޝިއާއާ ގާތްވުމުގެ ސިޔާސަތެއްވެސް ގެންގުޅެން ފަށާފައެވެ. ޗައިނާއާ ގާތްވުމުގެ ސިޔާސަތެއް ޑުޓާޓެ ގެ ސަރުކާރުން ގެންގުޅެންފެށީ ޗައިނާއަކީ އަވަށްޓެރި ގައުމަކަށްވުމުގެ އިތުރުން ފިލިޕީންސްގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ޗައިނާއިން ގލޯންތަކާއި ހިލޭ އެހީތައް ދެމުން ގެންދާތީ އާއި ޗައިނާއަކީ ވިޔަފާރީގެ ގޮތުން އެމެރިކާއަށްވުރެ ފިލިޕީންސަށް މުހިއްމު ގައުމަކަށްވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ފިލިޕީންސުން ޗައިނާއާއި އަދި ރަޝިއާ އާ ގާތްވުމުންދަނީ މަދަނީ ގޮތުންނެވެ.

ރައީސް ރޮޑްރިގޯ ޑުޓާޓެ ވަނީ ފިލިޕީންސްގައި އެމެރިކާ ބޭނުންކުރާ އަސްކަރީ ބޭހުގައި ނިއުކްލިޔާ ހަތިޔާރު ސިއްރިޔާތުގައި ރައްކާކޮށްފައިވާ ކަމުގެ ތުހުމަތުވެސް ދާދިފަހުން އެމެރިކާގެ މައްޗަށް ކުރައްވާފައެވެ. އަދި އެމެރިކާގެ އަސްކަރީ ވުޖޫދު ފިލިޕީންސްގައި އޮތުމަކީ އެމެރިކާގެ ދުޝްމަން ގައުމުތަކުގެ ހަމަލާތައް ފިލިޕީންސަށް އަމާޒުވެދާނެ ކަމުގެ ބިރު އޮތްކަމެއް ކަމަށް ވިދާޅުވެ ޑޫޓާޓެ ވަނީ އެމެރިކާއާއި ފިލިޕީންސްގެ އަސްކަރީ ގުޅުންތަކަށް އިހާނާތުގެ ބަސްތައްވެސް ރައްދު ކުރައްވާފައެވެ.

އެމެރިކާއާއެކު ސޮއިކޮށްފައިވާ އަސްކަރީ ޒިޔާރަތްތަކާބެހޭ މުއާހަދާ ފިލިޕީންސުން އުވާލިނަމަވެސް އެނޫން އަސްކަރީ މުއާހަދަތައް އަދި އުވައެއް ނުލައެވެ. ނަމަވެސް އެމުއާހަދާތައް އުވާލާނެކަމުގެ އިންޒާރު ޑުޓާޓެ ވަނީ އެމެރިކާއަށް ދެއްވާފައެވެ. ރައީސް ޑުޓާޓެ ގެ ތަރުޖަމާނު ވަނީ އަސްކަރީ ގޮތުން ފިލިޕީންސް އެމެރިކާއަށް ބަރޯސާވުން ދޫކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަގުތު ޖެހިއްޖެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް