ރާއްޖޭގައި ކްލައިމެޓް އެމަޖެންސީ އިއުލާނު ކުރަން މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ މައްސަލަތަކަކީ އެމެޖެންސީ މައްސަލަތަކެއް ކަމަށް ކަނޑައަޅައި، ރާއްޖޭގައި "ކްލައިމެޓް އެމަޖެންސީ" އިއުލާން ކުރަން ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ހަނި ފުރުސަތު ގެއްލިގެން ގޮސްދާނެތީ އެކަން ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް ގޮވާލުމަށެވެ. އެ ގަރާރު މަޖިލީހުގެ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ މައްސަލަތަކަކީ އެމަޖެންސީ މައްސަލަތަކެއް ކަމަށް ކޮމިޓީއިން ވަނީ ނިންމާފަ އެވެ. ކޮމިޓީއިން އެހެން ނިންމި ރާއްޖޭގެ ގިނަ ރަށްރަށުގެ ގޮނޑުދޮށް ގިރާ ބޮޑެތި ގަސްތަކެއް މޫދަށް ވެއްޓޭތީ އެރަށްރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަންކަމާ ގުޅިގެން ފިޔަވަޅުތަކެއް އަޅަން ކޮމިޓީއިން ނިންމި އެވެ.

ކޮމިޓީގެ ނިންމުން ފާސްކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 68 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

އެގޮތުން އެއް ކަމަކީ ފޮސިލް ފިއުލް އުފެއްދުމުގެ މަޝްރޫއުތަކަށް ގައުމުތަކުން މިހާރު ކުރަމުންދާ ކުރަމުންދާ އިންވެސްޓްމެންޓްތަކާއި ދެމުންދާ ސަބްސިޑީތައް ހުއްޓާލައި، އިއާދަކުރަނިވި ހަކަތަ އުފައްދަން އެފައިސާ ހޭދަކުރަން މަގުފަހިކުރަން ގައުމުތަކާއި ޖަމިއްޔާ ޖަމިއްޔާ ޖަމާއަތްތަކަށް ގޮވާލައި ރާއްޖެއިން ވަކާލާތު ކުރުން ހިމެނެ އެވެ.

  • ގައުމުތަކުން ޖައްވަށް ބޭރުކުރާ ކާބަން މަދުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ވަކާލާތު ކުރުން
  • ގައުމުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް 40 ޕަސެންޓް ދަށްކުރުމަށާއި 2050 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯއަށް ތިރިކުރުމަށް ގައުމުތަކަށް ގޮވާލާ ރާއްޖެއިން ވަކާލާތު ކުރުން
  • ޕެރިން އެގްރިމެންޓްގެ ރޫހާ ހިލާފަށް މަތީ މިންވަރަކަށް ޖައްވަށް ކާބަން ބޭރުކުރާ ގައުމުތައް ފާހަގަކޮށް އިގްތިސާދީ ގޮތުން އެގައުމުތަކާ ދެކޮޅަށް ފިޔަވަޅުއެޅޭނެ އުސޫލުތަކެއް އދ ގެ ގިއުގަނޑުގެ ދަށުން އެކުލަވާލައި ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތު ކުރުން

މަޖިލީހުން އެ ގަރާރު ފާސްކޮށްފައި ވަނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަން ގެނެސް ގަރާރުގައި ވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ކްލައިމެޓް އެމަޖެންސީ އިއުލާނު ކުރަނީ އިންސާނުން ހިންގާ އަމަލުތަކުގެ ސަބަބުން ދިގުމުއްދަތަކަށް ތިމާވެއްޓަށް ފަދަ ކަންކަން ހުއްޓުވުމަށް އެކަންކަމަށް ވަކާލާތު ކުރުމަށް އިސްކަން ދިނުމަށެވެ.

މިހާތަނަށް 25 ގައުމަކުން ކްލައިމެޓް އެމަޖެންސީ ވަނީ އިއުލާނުކޮށްފަ އެވެ. އެންމެ ފުރަތަމަ ގައުމަކުން ކްލައިމެޓް އެމަޖެންސީ އިއުލާނު ކުރީ 2016 ގަ އެވެ.

comment ކޮމެންޓް