ފަސް މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫއުތައް ކައުންސިލުތަކަށް ދޭން ނިންމައިފި

އޭދަފުށީ ބިން ހިއްކުމުގެ މަޝްރޫއު ފެށި ރަސްމިއްޔާތުގެ ތެރެއިން

ގައުމީ އިދާރާއަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގަން ނިންމާ ޕީއެސްއައިޕީ މަޝްރޫއެއްގެ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ ދަށް ނަމަ އެ މަޝްރޫއެއް ހިންގަންޖެހޭނީ އެ ރަށެއް ނުވަތަ އަތޮޅުގެ ލޯކަލް ކައުންސިލާ ހަވާލުކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި، އިއްޔެ ގައުމީ އިދާރާތަކުން ހިންގާ ޕީއެސްއައިޕީ މަޝްރޫއެއް ކައުންސިލު މެދުވެރިކޮށް ހިންގާނެ ގޮތްތައް ކަނޑައަޅައި، މާލިއްޔަތާ ބެހޭ ސާކިއުލާއެއް ވަނީ ނެރުއްވާފަ އެވެ.

ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުް ހިންގުމުގެ ގާނޫނަށް އަށްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 69 މާއްދާއަށް ރިއާއަތްކޮށް ފިނޭންސް މިނިސްޓަރު ނެރުއްވި ސާކިއުލާގައި ބުނެފައިވަނީ ގައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅޭއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫއުތައް ހިންގަންޖެހޭނީ އެ ރަށުގެ ނުވަަ އަތޮޅުގެ ކައުންސިލާ ހަވާލުކޮށްގެން ކަމަށެވެ.

އަދި އެއް އަތޮޅޭއްގައި އެއް ރަށަށްވުރެ ގިނަ ރަށްރަށުގައި ހިންގާ މަޝްރޫއުތައް ހިންގާނީ އަތޮޅު ކައުންސިލާ ހަވާލުކޮށްގެންކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން 15 މިލިއަން ރުފިޔާއިން ފަށުގެ މަޝްރޫއުތައް ހިންގާނީ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

މިހެން ވަކި އަގަކަށްވުރެ ދަށުގެ މަޝްރޫއުތައް ލޯކަލް ކައުންސިލުް ހިންގަން ހަވާލުކުރި ނަމަވެސް ގައުމީ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ބޮޑެތި އަގުތަކުގެ ޕީއެސްއައިޕީ މަޝްރޫއުތައްވެސް ސިޓީ، އަތޮޅު ނުވަތަ ރަށު ކައުންސިލާ ހަވާލުކުރެވިދާނެކަމަށް ބުނެފައިވެ އެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުން ވަކި ރަށެއްގައި ހިންގާނެ މަސައްކަތުގެ އަގު، ސާކިއުލާގައި ބަޔާންކޮށްފައިވާ އަދަދުތަކަށް ފެތޭނަމަ އެ މަސައްކަތް ކުރިއަށް ގެންދަންވާނީ ކައުންސިލާ ހަވާލުކޮށްގެންނެވެ. އަދި އަދަދުތަކަށް ނުފެދޭ މަޝްރޫއެއް ޓެންޑާކޮށްގެން ލިބޭ އަގަކީ ސާކިއުލާގައި ޖަހާފައިވާ އަދަދުތަކަށް ފެތޭ އަގެއް ނަމަ އެ މަސައްކަތް ހިންގަން ކައުންސިލާ ހަވާލުކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ގިނަ އަހަރުތަކެއްގެ މަތިން ނިންމާ މަޝްރޫއެއްނަމަ މަޝްރޫއު އަގުކުރަންވާނީ މުޅި މަޝްރޫއު ހިންގަން ލަފާކުރާ ޖުމްލަ އަގަށް ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. އަދި މަޝްރޫއަކީ އެހެން ޕީއެސްއައިޕީ މަޝްރޫއަކާ އެކުގައި ހިންގަން ލާޒިމުވާ މަޝްރޫއެއް ނަމަ އޭގެ އަގުކުރާނީ އެފަދަ ހުރިހާ މަޝްރޫއަކާ އެކީގައި ކަމަށްވެސް ސާކިއުލާގައި ވެއެވެ.

ސާކިއުލާގައި ޕީއެސްއައިޕީ މަޝްރޫއުތަކޭ ބުނެފައި އޮތް ނަމަވެސް ދިފާއީ ބާރުތަކުން ހިންގާ ގައުމީ ސަލާމަތާ ގުޅުންހުރި މަޝްރޫއުތައް އިސްތިސްނާވެއެވެ. އެ މަޝްރޫއު ރާވާ ގައުމީ އިދާރާއަކުންނެވެ.

މިނިސްޓަރު ނެރުއްވި ސާކިއުލާގައި ބުނެފައިވަނީ ކައުންސިލުތަކާ މަޝްރޫއުތައް ހަވާލުކުރަން ފަށާނީ ސާކިއުލާ ނެރުނު ތާރީހު، 11 ފެބްރުއަރީ 2020 އިން ފެށިގެން އަލަށް ފަށާ، ނުވަތަ ޕްރީ ޓެންޑާ މަރުހަލާގައި ވާ މަޝްރޫއުތައް ކަމަށެވެ.

ސާކިއުލާގައި މަޝްރޫއުތަކުގެ ޕްރޮކިއުމަންޓް ޕެލޭނު ތައްޔާރުކުރާނެ ގޮތާއި އެއްބަސްވުން ހަދާނެ ގޮތާއި ޕްރޮކިއުމަންޓް ކުރިއަށް ގެންދާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާ ލިޔެކިޔުން ތައްޔާރުކުރުމަށާއި، ޕްރޮކިއުމަންޓަށް ބޭނުންވާ ފަންނީ އެހީތެރިކަން ގައުމީ އިދާރާއިން ކައުންސިލަށް ފޯރުކޮށްދޭންޖެހޭނެކަމަށް އޭގައި ވެއެވެ.

މަޝްރޫއު ހިންގާނެ ގޮތާއި އަދި މާލީ އިންތިޒާމުތައް ކުރިއަށް ގެންދާނެ ގޮތްވެސް ސާކިއުލާގައި ކަނޑައަޅާފައިވާ އިރު، އޭގައި ބުނެފައިވަނީ ކައުންސިލަށް މަޝްރޫއު ހަވާލުކުރާ އިރު މަޝްރޫއުގެ ފައިސާ ކައުންސިލުގެ ބަޖެޓަށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ދޫކުރުމަށް މަޝްރޫއު މޮނިޓަރކުރަން ކަނޑައަޅާ ނިޒާމު މެދުވެރިކޮށް ހުއްދަ ދޭންވާނީ ޕްރޮޖެކްޓުގެ ކޮންޓްރެކްޓު މެނޭޖަރުގެ ލަފަޔާއެކު ކައުންސިލުގެ ޒިންމާދާރު ވެރިޔާ ކަމަށެވެ.

މަޝްރޫއުތަކާ ގުޅިގެން ފައިސާ ދޫކުރެވޭނީ މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ސީދާ މަޝްރޫއުގެ މަސައްކަތްކުރަން ހަވާލުކޮށްފައިވާ ފަރާތަށް ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

comment ކޮމެންޓް