ވައިރަހުގެ އިގްތިސާދީ ގެއްލުންތަކުގެ އަސަރު ފެންނާނީ ދެތިން މަސް ފަހުން: އަމީރު

ފިނޭންސް މިނިސްޓަރު އަމީރު މިއަދު މަޖިލީހުގައި --- ފޮޓޯ/ މަޖިލިސް

ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް ލޮޅުންއަރާނެ ކަމަށާއި އޭގެ ގެއްލުންތައް އިގްތިސާދުން ފެންނަން ފަށާނީ ދެތިން މަސް ފަހުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައްކެއް ވެސް އަޅާފަ އެވެ. އެގޮތުން ހަރަދުކުޑަކުރުގެ ގޮތުން އާ ވަޒީފާތައް ނުއުފެއްދުމަށާއި އިދާރީ ހަރަދުތައް އަދި މަރާމާތަށް ކުރާ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސްތަކަށް އަންގައިފަ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން މުޅި ދުނިޔެއަށްވެސް އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާ ކުރައްވާ ކަމަށެވެ. އިގްތިސާދީ ގޮތުން އަޑިގަނޑަކަށް ނުދިޔަ ނަމަވެސް އެކި ގައުމުތަކަށް އެކި ލެވެލްގައި އެ ލޮޅުން އަންނާނެ ކަމަށް ލަފާ ކުރައްވާ ކަމަށް އަމީރު ވިދާޅުވި އެވެ. ނަމަވެސް އަދި ސީދާ ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރު ބުނަން އަވަސް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ލަފާ ކުރެވޭ މިއަހަރު ދައުލަތަށް ލިބެން އޮތް އާމްދަނީ ކުޑަކޮށް ދަށްވެގެން ދާނެ. އަދި އެކަމަކު އޭގެ މަންޒަރު، ޓެކްސް ފައިސާތަކުން [އާމްދަނީ] އިން ފެންނަން ފަށާނީ އަދި ދެތިން ހަތަރު މަސް ފަހުން،" އަމީރު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެނުނު ޗައިނާ އަކީ ދުނިޔޭގެ އިގްތިސާދުގެ ކާރުހާނާކަން ފާހަގަ ކުރައްވަމުން އަމީރު ވިދާޅުވީ، ޗައިނާގެ އިގްތިސާދަށް އަންނަ ކޮންމެ ލޮޅުމަކީ، ކޮންމެ ގައުމެއްގެ އިގްތިސާދަށް ވެސް އަންނާނެ ލޮޅުމެއް ކަމަށެވެ. އަދި އެކަމުގައި ރާއްޖެ އިސްތިސްނާ ނުވާނެތީ ހަރަދު ކުޑަކުރަން ކޮންމެހެން މަޖުބޫރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް، ޕީއެސްއައިޕީގެ އެއްވެސް މަޝްރޫއެއް މަޑުޖައްސައެއް ނުލާނެ އެވެ. އަދި މަސައްކަތް ކުރައްވަނީ، ވީހާވެސް ބޮޑަށް ރިކަރެންޓް ހަރަދު ކުޑަ ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މުވައްޒަފުންނަށް ހިނގާ ހަރަދު، އިދާރީ ހިންގުމުގެ ހަރަދު، ދަތުރުފަތުރުގެ ހަރަދު އަދި މަރާމާތާއި ބެލެހެއްޓުމުގެ ހަރަދު ކުޑަކުރުމަށް ސާކިއުލާ ނެރެފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިހާތަނަށް ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން ޕަބްލިކް ސާވިސް އިންވެސްޓްމަންޓް އެއްވެސް ވަރަކަށް ހުއްޓާލުމަށް އެކަހަލަ އެއްވެސް ކަހަލަ ވިސްނުމެއް ނެތް. އިރާދަކުރެއްވިއްޔާ ބަޖެޓްގައި ހިމެނިފައިވާ ގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ އެެހެން ގައުމުތަކޭ އެއްފަދައިން ރާއްޖޭގެ އިގްތިސާދަށްވެސް އަސަރު ކުރާނެ ކަމަށް އަމީރު ވިދާޅުވި އިރު، ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ގިނަ ބުކިންސްތަކެއް ވަނީ މި ވައިރަހާ ގުޅިގެން ކެންސެލްވެފަ އެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެންމެ ފަހުން އާންމު ކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ކެންސެލް ކުރި ބުކިންގެ އަދަދު 24،000 އަށް އަރަ އެވެ.

ނަމަވެސް އިގްތިސާދުން ގެއްލެމުންދާ އަދަދުތައް، ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު އަލުން އިޔާދަކުރެވޭނެ ކަމަށް މިނިސްޓަރު އަލީ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބުކިން ކެންސެލޭޝަން އިތުރުވިނަމަވެސް މިއަހަރުވެސް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ގެނެވޭނެ އެވެ.

https://sun.mv/131163

ސަރުކާރުގެ މިހާރު ވަނީ އަންނަ އަހަރުން ފެށިގެން 2.7 މިލިއަން ފަތުރުވެރިން އަހަރަކު ގެނައުމަށް އަމާޒު ހިފާފަ އެވެ. މިނިސްޓަރު އަމީރުވެސް މިއަދު މަޖިލީހުގައި ވިދާޅުވީ ބުކިންސް ކެންސަލްވާ ވަރަކަށް، ރާއްޖެއަށް އާ ބުކިންސްވެސް މިހާރު އަންނަމުންދާ ކަމަށެވެ.

comment ކޮމެންޓް