10 ބިލެއް އެކުލަވާލައި ރައީސް އޮފީހަށް ފޮނުވައިފި

ބަންޑާރަނައިބު އިބްރާހިމް ރިފްއަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން 10 ބިލެއް އެކުލަވާލައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

މިއަދު ބަންޑާރަނައިބުގެ އޮފީހުން ބުނީ، މި އަހަރުގެ ފުރަތަމަ ދައުރުގައި މުޅިން އަލަށް އެކުލަވާލެވޭ 24 ބިލެއް މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ. މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ 32 ބިލެއްވެސް މި އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހެޅިގެން ދާނެއެވެ. އެ ބިލުތަކުގެ ތެރެއިން 10 ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާ ބިލުތައް:

  • ނަފްސާނީ ސިއްހަތުގެ ބިލު
  • ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހި ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންޝުއަރެންސްއާބެހޭ ބިލު
  • ތަފާސްހިސާބުގެ ބިލު

މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ނިންމާފައިވާ 56 ބިލުގެ ލިސްޓު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވައިފި އެވެ.

މިހާރު ހުރި ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ގާނޫނުލް އަގޫބާތަށާއި، ކޯޓުތަކުގެ ގާނޫނަށާއި، ފަނޑިޔާރުންގެ ގާނޫނަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނަށާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެންނަ އިސްލާހުވެސް ހިމެނެއެވެ.

މުޅިން އަލަށް އެކުލަވާލައި ހުށަޅަން ނިންމާފައިވާ 24 ބިލުގެ ތެރޭގައި، އާންމު ދަތުރުފަތުރުގެ ބިލާއި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނެގުމުގެ ބިލާއި، ފޮރިން އިންވެސްޓްމަންޓުގެ ބިލާއި، ހެއްކާ ބެހޭ ބިލާއި، މީޑިއާ ކޮމިޝަނުގެ ބިލާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލާއި، ފޮރިން ސާވިސްގެ ބިލުވެސް ހިމެެނެއެވެ.

މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް 49 ބިލެއް ފޮނުވައިފަ އެވެ. އޭގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ 27 ބިލެއް ފާސްކޮށްފައެވެ.

comment ކޮމެންޓް