ޖަޕާން ކައިރީ ކަރަންޓީނު ކުރި ބޯޓުން 174 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ޑައިމަންޑް ޕްރިންސެސް ކުރޫޒް ލައިނާގައި ތިބި މީހުންނަށް ވަނީ އަމިއްލަ ކެބިންގައި ގިނަ ވަގުތު ތިބުމަށް އަންގާފައި -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (ފެބްރުއަރީ 12): ޖަޕާނުގެ ޔޮކޮހާމާ ކައިރީ ބަނދަރުކޮށް، ކަރަންޓީނުކޮށްފައި އޮތް ކުރޫޒް ލައިނާގައި ތިބި 174 މީހަކަށް މިހާތަނަށް ކޮރޯނާވައިރަސް ޑިޒީސް،2019 (ކޯވިޑް-19)އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޑައިމަންޑް ޕްރިންސެސް ކިޔާ އެބޯޓުގައި ތިބި މީހުން މިމަހުގެ ހަތަރެއްގައި ސްކްރީން ކުރަން ފެށި އިރު އެބޯޓުގައި 3،700 ފަސިންޖަރުން ތިއްބެވެ. ނަމަވެސް ހެލްތު އޮފިޝަލުން ދަނީ ވައިރަސްއަށް ޕޮޒިޓިވްވާ މީހުން ހޮސްޕިޓަލަށް ގެންދަމުންނެވެ. އަދި ދެން ތިބި މީހުން ޓެސްޓު ކުރަމުންނެވެ.

އެގޮތުން އިއްޔެ 53 މީހެއްގެ ޓެސްޓު ނަތީޖާ ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 39 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

"ފަންސާސް ތިން މީހަކު ޓެސްޓު ކުރި އިރު 39 މީހަކު ވައިރަސްއަށް ޕޮޒިޓިވްވި. އެހެންކަމުން ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 174އަށް އަރާފައި. އޭގެ ތެރޭގައި ކަރަންޓީނު އޮފިސަރެއް ވެސް ހިމެނޭ،" ހެލްތު މިނިސްޓަރު ކަޓްސުނޮބޫ ކަޓޯ ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ބޯޓުގައި ތިއްބާ ވައިރަސްއަށް ޕޮޒިޓިވް ވެގެން ގެންދިޔަ ހަތަރު މީހެއްގެ ހާލު ސީރިއަސް ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ޑައިމަންޑް ޕްރިންސެސް ކަރަންޓީނު ކުރީ މިދިޔަ މަހު އެ ބޯޓުގައި ދަތުރު ކުރި ހޮންކޮންގެ 80 އަހަރުގެ މީހަކު ވައިރަސްއަށް ޕޮޒިޓިވްވި ފަހުންނެވެ. އެ މީހާ ވައިރަސްއަށް ޕޮޒިޓިވްވީ ހޮންކޮންއަށް ދިޔަ ފަހުންނެވެ.

އެ ކުރޫޒް ލައިނާ އަންނަ ހަފްތާގެ ބުދަ ދުވަހާ ޖެހެންދެން ކަރަންޓީނު ކޮށްފައި ބާއްވާނެ ކަމަށް އޮފިޝަލުން ބުންޏެވެ. އަދި އެމުއްދަތުގައި ބޯޓުގެ ފަސިންޖަރުންނަށް ވަނީ އަމިއްލަ ކެބިން ތެރޭ ގިނަ ވަގުތު ހޭދަ ކުރުމަށާއި ބޭރަށް ނުކުމެ އުޅޭ ނަމަ މާސްކު އަޅައިގެން އުޅުމަށާއި އެކަކު އަނެކަކާ ގާތް ނުވުމަށް އަންގާފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ކޮރޯނާވައިރަސް މިހާރު ވަނީ 27 ގައުމަކުން ފެނިފަ އެވެ. އަދި އެ ވައިރަސް 44،600އަށް ވުރެ ގިނަ މީހުންނަށް ޖެހި، މަރުވި މީހުންގެ އަދަދު ވަނީ 1،113އަށް އަރައިފަ އެވެ.

comment ކޮމެންޓް