ނަޝީދުގެ ހިސާބު: މާލެއިން އިދިކޮޅަށް 1500 ވޯޓު ވެސް ނުލިބޭނެ

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދު ސައީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރައްވާފައިވާ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، އަނަސް އަބްދުއް ސައްތާރަށް 12،000 ވޯޓު ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ލިބޭނެކަން ކަށަވަރުވާ ކަމަށާއި، އެމްޑީޕީ ހިނގަމުންދަނީ އިންތިހާބު ކާމިޔާބު ވާނެ މަގުން ކަމަށެވެ.

އަނަސް އެމްޑީޕީގެ އެސްޖީގެ ގޮތުގައި ހުންނަވާ ޕާޓީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، އޭނާއަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވީ އަނަސް އަށް މާލެއިން 12،000 ވޯޓު ލިބޭނެ ކަމާމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރާ ކަމަށާއި، އަނަސް އާ އެންމެ ކައިރިން ވާދަކުރާ ކެނޑިޑޭޓަށް 1500 ވޯޓުވެސް ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ބައްލަވަން ތިއްބަވާ އަނަސް ބާރަ ހާސް މާލޭ ވޯޓު ނަގާނެ. އިރާދަކުރެއްވިއްޔާ ބާރަ ހާސް މާލޭ ވޯޓު އަނަސް ނަންގަވާނެ. މިކަމާ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއްނެތް. އެންމެ ގާތްކުރާ މީހާއަށް ފަނަރަ ސަތޭކަ ވޯޓުވެސް ނުނަގާނެ، ބައްލަވާތި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ --- ސަން ފައިލް ފޮޓޯ

އަނަސް އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރެއްވީ މިދިޔަ ދެ ދައުރުވެސް މާލޭ ސިޓީގެ މޭޔަރުކަން ކުރެއްވި ޝިފާ މުހައްމަދުގެ މައްޗަށް 200 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

އަނަސްއަށް 1،025 ވޯޓު ލިބުނު އިރު، ޝިފާއަށް ލިބިވަޑައިގެންނެވީ 835 ވޯޓް ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ. ދެން އެންމެ ކައިރިން ވާދަކުރެއްވީ މާލޭގެ ފުރަތަމަ މޭޔަރުކަން ކުރެއްވި، ސަރަނގު އާދަމް މަނިކެވެ. ވަގުތީ ނަތީޖާއިން ދައްކަނީ އާދަމް މަނިކަށް ލިބުނީ 780 ވޯޓު ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އިންތިހާބު ގެންދަން ބޭނުންވަނީ އެމްޑީޕީ މޮޅުވާ ގޮތަށް ކަމަށެވެ. އަދި އިންތިހާބުން މޮޅުވުމަށް މިފަހަރު މައިގަނޑު ދެ ކަމެއް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތައް ހިނގަމުން ދާތަން އަދި ހިނގާގޮތް ފެންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރައްޔިތުންނަށް އެބަ އެނގެން ޖެހޭ ކޮންކަމެއް ކުރާންތޯ އަޅުގަނޑުމެން މި ނުކުންނަނީ މި މަސައްކަތް ކުރަނީ. ބަޔަކު މި އިންތިހާބު ކުރަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލްތަކަށް ދިމާވެފައި އޮތީ ވަރަށް ދަތި ގޮތެއް ކަމަށާއި އެހެންކަމުން ކައުންސިލްތަކުގެ ދައުރާއި މަސައްކަތްތައް ރައްޔިތުންނަށް ރަނގަޅަށް ސާފު ނޫން ކަމަށެވެ.

comment ކޮމެންޓް