ކައުންސިލް އިންތިހާބުގައި ޑީއާރްޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަނީ

ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ނިންމައިފިއެވެ.

ޑީއާރްޕީން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރްޕީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި އެ ޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށާއި މި މަހުގެ ފަހުކޮޅު ގާފަރުގައި ބާއްވާ ކޮންގްރެސްގައި ޓިކެޓު ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

ޓިކެޓާއެކު ކެމްޕޭން ފަންޑުވެސް ހަވާލުކުރެވޭނެ ކަމަށް ޑީއާރްޕީން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރްޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޑީއާރްޕީން އޭރު ބުނެފައި ވަނީ އެ ޕާޓީގެ ޓިކެޓް ދިނުމުގައި ބަލާނީ މަދުވެގެން 100 އާ މެމްބަރުންގެ ފޯމް ހުށަހެޅުމާއެކު ގާނޫނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީ އާއި ޕީޕީއެމް އިން މިހާރު ވަނީ ޕްރައިމަރީ ބާއްވައިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

މިފަހަރު އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކައި، އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރެވިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފި އެވެ. އޭގެ ތެރޭގައި އަންހެނުން ކައުންސިލަރުންނަށް 384 ޖާގަ ވަނީ ހާއްސަކޮށްފައެވެ.

comment ކޮމެންޓް