އޮކްޓޫބަރު 15 އަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ހަމަޖައްސައިފި

ތޮއްޑޫގެ ދަނޑެއް: -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހުށަހެޅި ކަރުދާހާމެދު މަޝްވަރާކުރުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފަޔާއެކުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރުމަށް ނިންމެވި މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސޯދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެފަރާތްތަކަށް ކުރިމަތިވަމުންދާ ހުރަސްތަކާއި ދަތި ކަންކަން ފާހަގަކޮށް އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ އާ ފަންނުތައް ދަނޑުވެރިންނަށް ތައާރަފުކުރުންވެސް ހިމެނެއެވެ.

ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ވަކި ދުވަހެއް ފާހަގަ ކުރެވެމުންދާނަމަ ދިވެހި ދަނޑުވެރިކަމުގެ ތަރައްގީގެ ސިޔާސަތުތަކާއި މަޝްރޫއުތައް އެހެނިހެން ސިނާއަތުތަކާއި އެއް މިސްރާބެއްގައި ތަރައްގީކުރުމަށް ފުރުސަތު ފަހިވެގެންދާނެކަން މިއަދު ވަޒީރުން ވަނީ ފާހަގަކުރައްވައިފައެވެ.

ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަސް ފާހަގަކުރުމަށް 2009 ވަނަ އަހަރު ހަމަޖެއްސި ނަމަވެސް ފާއިތުވި އަހަރުތަކުގައި ތަފާތު އެކި ސަބަބުތަކާ ހުރެ މިދުވަސް ފާހަގަކޮށްފައިވަނީ އަހަރުގެ ކޮންމެވެސް އެހެން ދުވަހެއްގައެވެ.

މި އަހަރުން ފެށިގެން ދެން ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމުގައިވާ އޮކްޓޯބަރުމަހުގެ 16 ވަނަ ދުވަހާ ގުޅުވައިގެންނެވެ.

މީގެ އެއް ބޭނުމަކީ ދަނޑުވެރިންނާ އެމީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

comment ކޮމެންޓް