ގެމަނަފުށީ ފުޓްސަލް ދަނޑު މަރާމާތު ކުރުން ލަސްވާތީ ޒުވާނުން ކަންބޮޑުވެއްޖެ

ގއ. ގެމަނަފުށި: އެ ރަށުގެ ފުޓްސަލް ދަނޑު މަރާމާތު ކުރުން ލަސްވާތީ ޒުވާނުން ކަންބޮޑުވޭ -- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ގއ. ގެމަނަފުށީގައި މިދިޔަ ސަރުކާރުން އެޅި ފުޓްސަލް ދަނޑު ހަލާކުވެ، މަރާމާތު ކުރުން ލަސްވާތީ އެ ރަށު ކައުންސިލާއި ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގއ. ގަމަނަފުއްޓަކީ އާބާދީގެ ނިސްބަތުން ގިނަ އަދަދެއްގެ ޒުވާނުން ރަށުގައި ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން މަހަށް ދެއެވެ. އަދި ރަށް ކުރިއަރުވަން ޒުވާނުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއްވެސް ކުރެ އެވެ.

މިވަގުތު ގެމަނަފުށީގެ ޒުވާނުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށުގައި ކުރީގެ ސަރުކާރުގައި އެޅި ފުޓްސެލް ދަނޑު ހަލާކުވެފައި އޮތުމެވެ. ގެމަނަފުށި ކައުންސިލުގެ ރައީސް އަހުމަދު ޝިޔާން ވިދާޅުވީ، ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް އެ ފުޓްސަލް ދަނޑު ކުރީގެ ސަރުކާރުން ހުޅުވީ މުޅިން ނުނިމެނީސް އަވަސް އަރުވާލައިގެން ކަމަށެވެ.

އެ ޓާފުގައި އެކަށީގެންވާ ވަރަށް ރަބަރު އަޅާފައި ނެތުމުން، ކުޅޭ އިރު ކައްސާލައިގެން ވެއްޓޭ ކަމަށްވެސް ޝިޔާން ވިދާޅުވި އެވެ. އެގޮތުން، ދަނޑުމަތީގައި ކުޅެން އުޅުނިކޮށް ކައްސާލައިގެން ވެއްޓި މިހާތަނަށް ދެ ޒުވާނެއްގެ އަތް ބިނދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގެމަނަފުށިން "ސަން"އާ ވާހަކަ ދެއްކި ބައެއް ޒުވާނުން ބުނި ގޮތުގައި އެ ފުޓްސަލް ދަނޑުގެ ފެން ހިންދާ ޑްރެއިންތައް ހުންނަނީ ބިމަށްވުރެ ދެ ވަރަކަށް އިންޗު މަތީގަ އެވެ. އެހެންކަމުން، ވާރޭ ވެހޭ ދުވަސްތަކުގައި ދަނޑު އޮންނަނީ ފެންބޮޑުވެފަ އެވެ. ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ޑްރެއިންގެ ތެރެއަށް ފެން ފައިބަނީ ޑްރެއިންއަށް ވުރެ މައްޗަށް ފެންބޮޑުވުމުންނެވެ. ކާނުގަނޑުގެ ތެރެއަށްދާ ފެނާ އެކު ދަނޑުގައި ހުންނަ ރަބަރުކޮޅުތައް ވެސް ނެއްޓިގެންދެ އެވެ. އެއީ ޓާފުގައި ކައްސާލަން މެދުވެރިވާ ކަމެއް ކަމަށް ޒުވާނުން ބުންޏެވެ.

އޭގެ އިތުރުން ދަނޑުގެ ވަށައިގެން ޖަހާފައި ހުރި ދާތަކުގެ ފެންވަރު ދަށްކަމުން މިހާރު އެ ދާތަކުގެ ބޮޑުބައި ހަލާކުވެފައިވުމާއި ގޯލުތަކުގެ ދާގަނޑުތައް ހަލާކުވުމަކީވެސް ޒުވާނުންގެ ކަންބޮޑުވުމެކެވެ.

"އަަހަރެމެން ދެއްކި ވާހަކަ އަޑު ނާހާ ސިޔާސީ ކަމަކަށް ހަދައިގެން އެކަން ކުރީ. އެ ދުވަހުވެސް އަހަރެމެން އާދޭސް ކުރިން ތިތަނުގައި ކުޅެވޭނީ ދެ މަސް ދުވަހޭ ކިޔާފައި. ދެން އަނެއްކާ ހަދަން ދާނެ ހަރަދު ބޮޑުވާނެއޭ. މިއަދު އެހެރީ އަލުން ދަނޑެއް އަޅަން ޖެހޭ ހާލުގައި،" ގެމަނަފުށިން ވާހަކަ ދެއްކި އަލީ ހައްޔާން ހަނީފް ބުންޏެވެ.

ގއ. ގެމަނަފުށި ފުޓްސަލް ދަނޑު: އެ ދަނޑު މަރާމާތު ކުރުން ލަސްވާތީ ޒުވާނުން ކަންބޮޑުވޭ -- ސަން ފޮޓޯ/ މާޝާ ނައީމް

ފުޓްސަލް ދަނޑު ހަލާކުވެފައިވާ އިރު ގެމަނަފުށީގައި ޔޫތު ސެންޓަރެއްވެސް ނުހުރެ އެވެ. މި އަހަރު ޔޫތު ސެންޓަރެއް އަޅަން ބަޖެޓުކޮށްފައިވެސް ނުވެ އެވެ. އެއީވެސް އެ ރަށުގެ ޒުވާނުންގެ ކަންބޮޑުވުމެކެވެ. އެކަމަކު، ޔޫތު ސެންޓަ އަޅަން ޔޫތު މިނިސްޓަރު އަހުމަދު މައުލޫފު މީގެ ކުރިން ވައުދުވެފައިވާ ކަމަށް ޒުވާނުން ބުންޏެވެ.

ކައުންސިލުގެ ރައިސް ޝިޔާން ވިދާޅުވި ގޮތުގައި މިހާރު ގެމަނަފުށީގެ ޒުވާނުން ކުރާނެ މާ ގިނަ ކަންތައްތަކެއް ރަށުގައި ނޯވެއެވެ. ޒުވާނުން ތިބެން ޖެހެނީ ކަމެއް ނެތި ރަށު ތެރޭގައި ގިނަވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ޔޫތު ސެންޓަރެއް ރަށުގައި އޮތުންވެސް މުހިންމު ކަމަށް ޝިޔާން ދެކެ އެވެ. އޭގެ އިތުރުން ވޮލީ ފަދަ ކުޅިވަަރުތައް ކުޅެން އިކުއިޕްމެންޓުވެސް ނުހުންނަ ކަމަށާއި، ބޯޅައާއި ނެޓު ފަދަ އެއްޗެހި ހޯދަން ޖެހެނީ އަމިއްލަ ފަރާތްތަކުގެ އަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިސަރު ސާއިފް ޝިޔާދު ވިދާޅުވީ ގެމަނަފުށީ ފުޓްސަލް ދަނޑު މަރާމާތު ކުރަން ކައުންސިލުން އެދުމުން ޔޫތު މިނިސްޓްރީއިން އެކަމަށް އަދި އިއުލާނުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު، އެ މަސައްކަތް އަދި އެއްވެސް ބަޔަކާ ހަވާލުކޮށްފައެއް ވެސް ނުވެ އެވެ. ޔޫތު ސެންޓަރާ ބެހޭގޮތުން އޭނާ ވިދާޅުވީ، ގެމަނަފުށީގައި ޔޫތު ސެންޓަރެއް އަޅާނެ ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވާ ކަމަށެވެ.

comment ކޮމެންޓް