އެއާޕޯޓު ހާލަތު ބެލުމަށް އެސްއޯއީ ކޮމިޓީ އައްޑޫ ސިޓީއަށް ދަނީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ހާލަތު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން އައްޑޫ ސިޓީއަށް ދަތުރު ކުރުމަށް ނިންމައިފި އެވެ.

އެ ކޮމިޓީން މިދިޔަ އަހަރު ޖުލައި މަހުވެސް އެއާޕޯޓްގެ ހާލަތު ބެލުމަށް އައްޑޫއަށް ދިޔުމަށް ނިންމި އެވެ. ނަމަވެސް ބަޖެޓް ހަމަނުޖެހުމުން އެ ދަތުރު އޮތީ ނުރޭވި އެވެ.

އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުުގައި އެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ސިޓީ، ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ، މިހާރު ދަތުރަށް ބަޖެޓު ހަމަޖެހިފައިވާ ކަމަށާއި އަންނަ ބުރާސްފަތި ދުވަހު އެ ދަތުރު ކުރުމަށް ރާވާފައިވާ ކަމަށެވެ.

އެނާ ވިދާޅުވީ، އެ ދަތުރުގައި ގަން އިންޓަނޭޝަލް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ ބޯޑުގެ ބޭފުޅުންނާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މެމްބަރުންގެ މަޝްވަރާތަކަށްފަހު، ކޮމިޓީ ބައްދަލުވުމުގައި ދަތުރު ދާނެ ޓީމްވެސް ވަނީ ފައިނަލް ކޮށްފަ އެވެ. އެގޮތުން ފަސް މެމްބަރުންނާއި ކޮމިޓީގެ އިދާރީ މުވައްޒިފަކު ދަތުރުގައި ބައިވެރިވުމަށް ވަނީ ނިންމާފަ އެވެ. ފަސް މެބަރުންގެ ތެރޭގައި ހިމެނެނީ، މުގައްރިރު އިލްޔާސްއާއި ފޭދޫ ދާއިރާ މެމްބަރު މުހައްމަދު ނިހާދާއި ތޮއްޑޫ ދާއިރާ މެމްބަރު ހަސަން ޝިޔާން އަދި އިސްދޫ ދާއިރާ މެމްބަރު އަލީ ހަމީދެވެ.

މި ދަތުުރުގައި ބައިވެރިވުމަށް ކޮމިޓީގައި ތިއްބަވާ އިދިކޮޅު މެމްބަރުންނަށްވެސް ދައުވަތު އެރުވި އެވެ. ނަމަވެސް ދަތުރު ރޭވިފައިވާ ދުވަހުގައި ރަސްމީ އެހެން މަސައްކަތްތަކެއް ކުރައްވަން ޖެހޭތީވެ އެ މެމްބަރުން ދަތުރުގައި ބައިވެރިވުމަށް ވަނީ އުޒުރުވެރިވި އެވެ.

މިދިޔަ ޖުލައި މަހު އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އޭއައިއޭގެ ބޯޑުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރި އެވެ. އެ ކޮމިޓީ ބައްދަލުވުމުގައި ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީން ވިދާޅުވީ އެއާޕޯޓުގެ ހާލަތު އެންމެ ފުރިހަމަ އަށް ފެންނާނީ މެމްބަރުން އެތަނަށް ވަޑައިގަންނަވައިގެން ކަމަށެވެ. އަދި ކޮމިޓީއަށް އެތަނުގެ ހާލަތު ބެލުމަށް ވަޑައިގެންނެވުމަށް ދައުވަތުވެސް ބޯޑުން ކޮމިޓީއަށް ދިނެވެ.

"ސަން"އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "ސަން ރަށަށް" އައްޑޫ ސިޓީ ދަތުރުގައި އާއާޕޯޓުގެ ހާލަތު ބެލުމަށް ޒިޔާރަތުގައި އެތަނުގެ ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގަ އެވެ. ބޮޑު ރަންވޭއެއް އަޅައި، ބޮޑު އިންވެސްޓްމަންޓްތަކެއް އެ އެއާޕޯޓަށް ކޮށްފައިވީ ނަމަވެސް އެތަން ހިނގަމުން ދިޔައީ ގެއްލުމުގަ އެވެ. އެގޮތުން ހިންގުމުގެ ހަރަދު މަހެއްގެ މައްޗަށް 3.9 މިލިއަން ރުފިޔާއަށް އަރާއިރު، ފްލައިޓުތަކަށް ހިދުމަތް ދީގެން އެއާޕޯޓަށް މަހެއްގެ މައްޗަށް ލިބެނީ، 2.9 މިލިއަން ރުފިޔާ އެވެ. އޭރު އެތަނުގައި މެނޭޖިން ޑިރެކްޓަރެއް ނެތް ނަމަވެސް ވަރަށް ފަހުން މިހާރު ވަނީ މެނޭޖިން ޑިރެކްޓަރެއް ހަމަޖައްސާފަ އެވެ.

https://sun.mv/122959

comment ކޮމެންޓް