ޖަނަވަރީގައި ލިބުނީ 1.81 ބިލިއަން ރުފިޔާ، 14 ޕަސެންޓް ދަށް

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ ޖަނަވަރީ މަހު މީރާއަށް 1.81 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ. އެއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދަށް ވުރެ، 14.66 ޕަސެންޓް ދަށް އަދަދެކެވެ.

މީރާއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައި ވަނީ 2.12 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2019 ވަނަ އަހަރު ޖަނަވަރީގައި ލިބުނު އާމްދަނީއަށް ވުރެ، 311.56 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

މީރާއިން ބުނީ އާމްދަނީއަށް އެ ހީނަރުކަން އައީ، ޓެކުހުގެ ގޮތުގައި ލިބިފައިވާ އަދަދު މަދުވެފައިވާތީ އެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާއަކަށް ވުމަކީ ވެސް އާމްދަނީ ދަށްވި ސަބަބެއް ކަމަށް މީރާއިން ބުންޏެވެ.

މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ އާމްދަނީގެ 44.5 ޕަސެންޓް، 807.13 މިލިއަން ރުފިޔާއެ ވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާގެ ޓެކްސް، ބީޕީޓީއިންނެވެ. އެއީ 35.6 ޕަސެންޓް ނުވަތަ 645.04 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 84.93 މިލިއަން ރުފިޔާ، އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 69.20 މިލިއަން ރުފިޔާ، އެއަރޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 68.68 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 138.13 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މީރާއިން ބުނި ގޮތުގައި ޖެނުއަރީ މަހު ލިބުނު އާމްދަނީ އަކީ، ލިބޭނެ ކަމަށް މީރާއިން ލަފާކޮށްފައިވާ އަދަދަށް ވުރެ 7.4 ޕަސެންޓް އިތުރު އަދަދެކެވެ.

އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވި ސަބަބަކީ، ޑިސެންބަރު 2018 އާއި އަޅާ ބަލާއިރު މިދިޔަ އަހަރު ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު 13.6 ޕަސެންޓް އިތުރުވުމާއި ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި ޓެކްސްތައް އިތުރުވެފައިވުމުން ކަމަށް މީރާއިން ބުންޏެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓުގެ ފަހު ޑެޑްލައިންގެ ބައެއް ފައިސާ މިދިޔަ މަހުގައި ލިބިފައި ވުމަކީ ވެސް ލަފާކުރި އަދަދަށް ވުރެ އިތުރަށް އާމްދަނީ ލިބުނު ސަބަބެކެވެ.

މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 64.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު