މާލެ އާއި ފަލަސްތީން އެއްހަމަ ކުރި މައްސަލައިގައި އަނދުން ހުސައިން މައާފަށް އެދެފި

އަނދުން ހުސައިން: ފަލަސްތީންއާ މާލެ އެއްހަމަ ކުރިމައްސަލައިގައި އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައި -- ފައިލް ފޮޓޯ/ މަޖިލިސް

މާލެ ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެއް ހަމައިގައި ކަމަށް ވިދާޅުވުމުން އަމާޒުވި ފާޑުކިޔުންތަކާއި އެކު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މައާފަށް އެދިވަޑައިގެންފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އަނދުން ހުސައިން މާލެ ސިފަ ކުރެއްވީ ފަލަސްތީނުގެ ގޮތުގަ އެވެ. ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރައްވާފައި ވަނީ މާލޭގެ ރައްޔިތުންގެ ބަދަލުގައި ރާއްޖެތެރޭގެ އެހެން ރަށް ރަށްތަކުން މާލެއަށް ހިޖުރަކުރި ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމެވެ. މާލޭގެ ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ނުލިބުމުގެ ބަދުނާމު އަނދުން ހުސައިން އެޅުއްވީ 'ރާއްޖެތެރޭ' މީހުންގެ ބޮލުގަ އެވެ.

"ހުރިއްޔާ ހުރި ތަނެއް ހިއްކާފައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިއްޒަތްތެރި ލޮބުވެތި ރައްޔިތުން ގެނައިސް މިތަންތަނަށް ވަޒަންވެރިކުރުވައި މާލޭގެ ރައްޔިތުން ތިބި ގޮތަށް ތިބީ. އެހެންވީމާ މިއީ ހަމަ ގާތްގަޑަކަށް މިތަނަށް ދިމާވެފައި މި އޮތީ ފަލަސްތީނަށް ދިމާވެފައި އޮތް ކަހަލަ ކަމެއް،" މާލެއަށް ނިސްބަތްވާ މެންބަރު ވިދާޅުވި އެވެ.

އަނދުން ހުސައިންގެ އެ ވާހަކަތަކުން އޭނާ ވަނީ 'ހޫނުފެނަށް' ވެއްޓިފަ އެވެ. ހުދު އޭނާ ނިސްބަތްވާ އެމްޑީޕީގެ 'އަތޮޅުތެރޭ'ގެ މެންބަރުން ވެސް ވަނީ އަނދުން ހުސައިންގެ އެ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. އާންމުން ވަނީ ސޯޝަލް މީޑިއާގައި އަނދުން ހުސައިން ދެކޮޅަށް 'ހަނގުރާމަ' އިއުލާން ކޮށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ.

އެއާއެކު އަނދުން ހުސައިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ރައްޔިތުން އުޅެމުން ދަނީ ރެފިއުޖީންނާއި އެއް ގޮތަށް ކަމަށާއި މާލެ މިހާރު އޮތީ ފަލަސްތީންއާ އެއް ހާލަތެއްގައި ކަމަށް ދެންނެވީ އެ ރައްޔިތުން އުޅެމުން ދާ ނިކަމެތި ހާލު ސިފަ ކޮށްދިނުމަށް ކަމަށެވެ.

"އެއްވެސް ގޮތަކުން މާލޭގައި ދިރިއުޅޭ އެހެން ރަށް ރަށުގެ ރައްޔިތުން ކުޑައިމީސް ކުރުމަކަށް ނޫން. ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް އެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ބުނެފަ އެއް ނުވާނެ. އެހެން ނަމަވެސް އަޅުގަނޑު ދެއްކި ވާހަކަ އޮޅިވަޑައިގެންފައިވާ ބޭފުޅުންގެ އަރިހުން މައާފަށް އެދެން،" އަނދުން ހުސައިން ވިދާޅުވި އެވެ.

comment ކޮމެންޓް