ދުބާއީ މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ފުރައިފި

ދުބާއީ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމު ފުރުމުގެ ކުރިން -- ފޮޓޯ// އެފްއޭއެމް

ބުރާސްފަތި ދުވަހު ދުބާއީގައި ފަށައި "ވިސިޓް މޯލްޑިވްސް ދުބާއީ އިންޓަނޭޝަނަލް ކަޕް"ގައި ވާދަކުރުމަށް ރާއްޖޭގެ 12 އަހަރުން ދަށުގެ ޓީމު ދުބާއީއަށް ފުރައިފި އެވެ.

ވޭތުވެ ދިޔަ އަހަރު ރާއްޖޭގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ކުޑަކުދިންގެ ފުޓުބޯޅަ ފިއެސްޓާއަށް ރާއްޖެ އައި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޗެލް ސަލްގާޑޯގެ އެހީތެރިކަމާ އެކު ބުރާސްފަތި ދުވަހު ފަށައި މުބާރާތެއް ރާއްޖޭގެ ޒުވާން ޓީމު މިއަދު ހެނދުނު ވަނީ ފުރައިފަ އެވެ. ދުބާއީގައި ކުރިއަށްދާ މި މުބާރާތް ހަ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު ރާއްޖެ ލައްވާލާފައި ވަނީ ވަރުގަދަ ގްރޫޕަކަށެވެ.

ދުބާއީގެ ސްޕޯޓްސް ސިޓީގައި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އިރު މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިވެހިރާއްޖެ އެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވާ ބައެއް ޓީމުތަކަކީ އާސެނަލް، ބާސެލޯނާ، ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، އިންޓަ މިލާން، ޕޯޓޯ، ޒަމަލެކް (މިސްރު)، އަލް ފަތޭހް(ސައުދީ) އަލް ވަސްލް (ޔޫއޭއީ) އަލް ނަސްރް (ޔޫއޭއީ)، ޝަބާބް އަލް އަހްލީ (ޔޫއޭއީ)، ސްޕެނިޝް ސޮކާ ސްކޫލް (ޔޫއޭއީ) އެވެ.

އެ ޓީމުތަކުގެ ތެރެއިން ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަ ކުރާނީ އާސެނަލާއި ސައުދީގެ އަލް ފަތޭހްގެ އިތުރުން ސަލްގާޑޯ ދުބާއީގައި ހިންގާ ސްޕެނިޝް ސޮކާ ސްކޫލް އެވެ. ގްރޫޕުގެ ތިން ވަނަ ހޯދައިގެން ވެސް ދެ ވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު އޮތް އިރު މިފަހަރުގެ މުބާރާތް ސްޕޮންސާ ކުރުމަށް ސަރުކާރުން ވަނީ ބޮޑު ހަރަދެއް ކޮށްފަ އެވެ. އަދި މުބާރާތަށް ގައުމީ ޓީމު ގެންދިއުމުގައްޔާއި ކުޅުންތެރިންގެ ބެލެނިވެރިން ގެންދިއުމުގެ ހުރިހާ ހަރަދެއް ވެސް ކުޅިވަރާ ބެހޭ މިނިސްޓްރީން ކުރުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމާ ހަވާލުވެގެން ހުރީ ތަޖުރިބާކާރު ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ) އަށެވެ. އެފްއޭއެމްގެ ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން ހީނާއާ އެ މަގާމު ހަވާލު ކުރީ މިދިޔަ އަހަރު ކުރީ ކޮޅު އެވެ. ހީނާގެ އެންމެ ބޮޑު މަސައްކަތަކީ 14 އަހަރުން ދަށުގެ ޒުވާން ޓީމު 16 އަހަރުވާ އިރު ސަރަހައްދީ މުބާރާތްތަކުގައި ނަތީޖާ ނެރެވޭނެ ޓީމެއް ބިނާ ކުރުމެވެ.

މިދިޔަ އަހަރުގެ އެ މުބާރާތުގެ ފައިނަލުގައި 0-1ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދާދި ފަހުން ރާއްޖެއިން ސްޕޮންސާޝިޕް ޑީލެއްގައި ސޮއި ކުރި ސްޕެއިނުގެ ސެލްޓާ ވީގޯ އެވެ.

comment ކޮމެންޓް