ޗައިނާ ދަތުރުތައް ކެންސަލްވުމުން މޯލްޑިވިއަނުން އިންޑިއާގެ އާ މަންޒިލްތަކަކަށް

މޯލްޑިވިއަންގެ ފްލައިޓެއް-- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ކޮރޯނާ ވައިރަސް ފެތުރޭތީ ގައުމީ އެއާލައިން މޯލްޑިވިއަނުން ޗައިނާއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަން ޖެހުމުން ކުރި ގެއްލުމުން އަރައިގަންނަން އިންޑިއާގެ އާ މަންޒިލްތަކަކަށް ދަތުރު ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

މޯލްޑިވިއަން މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މޯލްޑިވިއަންގެ ބައިނަލްއަގްވާމީ އޮޕަރޭޝަންސް ޗައިނާ ދަތުރުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ކަމަށެވެ.

"މޯލްޑިވިއަންއަކީ ރާއްޖޭގައި ޑައިރެކްޓްކޮށް ޗައިނާއާ ބިޒްނަސް އެސްޓަބްލިޝް ވެފައި އޮތް އެއް ކުންފުނި. ފުދޭވަރެއްގެ ބޮޑު އިމްޕެކްޓެއް އެބަ އާދޭ." ރިޒްވީ ވިދާޅުވި އެވެ.

ޗައިނާ ދަތުރުތައް ކެންސަލްވި ނަމަވެސް، އެއާބަސް ގްރައުންޑު ކޮށްފައި ނުބޭއްވޭނެ ކަމަށާއި ގެއްލުން ފޫބައްދަން އިންޑިއާގެ އާ މަންޒިލްތަކަކަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

ފެބްރުއަރީ 11، 2020: މޯލްޑިވިއަން އެޕް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އޮޕަރޭޝަންސް އެންމެ އަވަހަށް ފެށޭނީ އިންޑިއާއަށް. އެހެންވެ އިންޑިއާގެ އިތުރު ސިޓީތަކެއް އެޑްކުރެވޭތޯ މި ބަލަނީ." ރިޒްވީ ވިދާޅުވި އެވެ.

އެހެން ނަމަވެސް އިންޑިއާގެ ސީދާ ވަކި ކޮން ސިޓީތަކެއްކަން އަދި ކަނޑައަޅާފައިވާ ނުވާ ކަމަށާއި ބައެއް ސިޓީތައް މި ހަފުތާގެ ތެރޭގައި ކަނޑައެޅޭނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިވިއަނުން މިހާރު ވެސް އިންޑިއާގެ ތިން ސިޓީއަކަށް ދަތުރުތައް ކުރެ އެވެ. އެއީ ޓްރިވެންޑްރަމް، ކޮޗިން އަދި ޗެންނާއީއެވެ.

ޗައިނާ ދަތުރުތައް ކެންސަލް ކުރުމާ ހަމައަށް އެގައުމުގެ ފަސް ސިޓީއަކަށް ގައުމީ އެއާލައިނުން ދަތުރުކޮށްފައިވެ އެވެ.

ކޮރޯނާގެ ސަބަބުން ޗައިނާ ދަތުރުތައް ކެންސަލްވެ، ޓޫރިސްޓް ބުކިންތައް ކެންސަލްވުމުން ލިބުނު ގެއްލުން ފޫބައްދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އިންޑިއާގެ އާ މަންޒިލްތަކަކަށް ދަތުރުތައް ފަށައިފިނަމަ، ޗައިނާ މާކެޓް ހީނަރުވުމުން މޯލްޑިވިއަންއަށް ލިބުނު ގެއްލުމުން އަރައިގަތުމުގެ އިތުރުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް