ދުނިޔޭގެ އެންމެ މޮޅު ކޯޗަށް ނުވެވުނީ ކުރިން ވީއޭއާރު ނެތީމަ: އެމެރީ

ޕީއެސްޖީގެ ކުރީގެ ކޯޗު އުނޭ އެމެރީ --- ފޮޓޯ// ޖޯ ރައިޓް

ފްރާންސްގެ ޕީއެސްޖީއަށާއި އިނގިރޭސިވިލާތުގެ އާސެނަލަށް ކޯޗުކަންކޮށްދިން އުނޭ އެމެރީއަށް ދުނިޔޭގެ އެންމެ މޮޅު ކޯޗަށް ނުވެވުނީ ކުރިން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ނެތުމުން ކަމަށް އޭނާ ބުނެފި އެވެ.

ޕީއެސްޖީގައި ކޯޗުކަން ކޮށްދިން ދެ އަހަރުގެ ތެރޭގައި ޑޯމެސްޓިކް ހަތް މުބާރާތެއް ކާމިޔާބުކުރި އެމެރީ އެ ޓީމު ދޫކޮށް އާސެނަލަށް ބަދަލުވީ 2018 ވަނަ އަހަރު އޭނާ އަމާޒުކުރި ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓުމާ ގުޅިގެންނެވެ. އެމެރީގެ ފުރަތަމަ ސީޒަނުގައި ބާސެލޯނާއާ ވާދަކޮށް 0-4ގެ ނަތީޖާއަކުން ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި މޮޅުވެފަ އެވެ. އެކަމަކު ދެ ވަނަ ލެގުގައި 1-6ގެ ނަތީޖާއަކުން ބަލިވެ ކެޓީ އެވެ.

ޖެހިގެން އައި އަހަރު ރެއާލް މެޑްރިޑް އަތުން ވެސް ބަލިވެ މުބާރާތުން ކެޓި އިރު ޕީއެސްޖީ ވަނީ އެ މުބާރާތް ކާމިޔާބު ކުރުމަށް ކުޅުންތެރިން ގެނައުމަށް ބޮޑު ޙަރަދުތަކެއް ކޮށްފަ އެވެ. އެކަމަކު އެމެރީގެ ދެ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓީ ރެފްރީންގެ ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ޕީއެސްޖީއަށް ކޯޗުކަންކޮށްދިން އިރު ވީއޭއާރު ބޭނުން ކުރި ނަމަ ދުނިޔޭގެ އެންމެ މޮޅު ކޯޗަށް ވުމުގެ ފުރުސަތު ލިބުނީސް. އެކަން އަހަރެންނަށް އޭރު ހާސިލް ނުވީ އަމާޒު ހިފި ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުމުން،" އެމެރީ ބުންޏެވެ.

އެެމެރީ ބުނީ ފުރަތަމަ އަހަރުގައި ބާސެލޯނާ އަތުން ފުރަތަމަ ލެގުގައި މޮޅު ކުޅުމެއް ޕީއެސްޖީން ދެއްކި އިރު ދެވަނަ ލެގުގައި އެހާ ބޮޑު ތަފާތަކުން ބަލިވީ ރެފްރީންގެ ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށެވެ.

"އަހަރެންގެ ދެ ސީޒަން ވެސް ގޯސްވީ ޗެމްޕިއަންސް ލީގުގައި ވީއޭއާރު ބޭނުން ނުކުރީމަ. ސާފުކޮށް އެނގެން އެބައޮތް ދެފަހަރު ވެސް ކެޓީ ރެފްރީންގެ މައްސަލަތަކުގެ ސަބަބުން ކަން،"

ޕީއެސްޖީއަށް ފަހު އެމެރީ ދެން ބަދަލުވި އާސެނަލާ އެކު އޭނާއަށް ރަނގަޅު ކާމިޔާބީތަކެއް ހޯދިފައި ނުވާ އިރު މި އަހަރު ކުރީކޮޅު އޭނާ ވަނީ އެ ޓީމުގެ ކޯޗުކަމުން ވަކިކޮށްފަ އެވެ. އެއަށް ފަހު މިހާތަނަށް އެއްވެސް ކުލަބަކަށް އެމެރީ ބަދަލުވެފައެއް ނުވެ އެވެ.

comment ކޮމެންޓް