މާލޭގައި ދިރިއުޅޭ މީހުންނަށް ކުލީގެ 70 ޕަސަންޓު ދިނުމަށް ގޮވަލާ ގަރާރެއް

ޖާބިރު މަޖިިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ މަޖިލިސް

މާލޭގައި ދިރުއުޅޭ ރައްޔިތުންގެ ތެރެއިން ތަނަވަސްކަން ކުޑަ ފަރާތްތަކަށް ކުލީގެ 70 ޕަސަންޓް ދެއްކުމަށް ދައުލަތުގެ މައްޗަށް ލާޒިމްކޮށް ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށްވާއިރު، އެ ފަރާތްތަކުގެ އާމްދަނީގެ ބޮޑު ބައެއް ހޭދަ ކުރަން ޖެހެނީ މާލޭ ކުއްޔަށް ކަމަށެވެ. އަދި އަހަރުން އަހަރަށް އެ ކުލީގެ އަދަދު އިތުރުވަމުންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެ ސަރުކާރަކުންވެސް ވާ ވައުދެއް ކަމަށާއި ނަމަވެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ވެގެން ދާއިރު އެ ވައުދު ނުފުއްދޭ ކަމަށެވެ. އަދި މި ސަރުކާރުންވެސް ރިޔާސީ ވައުދުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ވައުދު ވީހިދު، އެ ވައުދު ފުއްދެންދެން މާލޭގެ ކުއްޔަށް ދިރުއުޅޭ ރައްޔިތުންގެ ކުލީގެ 70 ޕަސަންޓު ދެއްކުމަށް ސަރުކާރުގެ މައްޗަށް ލާޒިމް ކުރުމަށެވެ.

"ދިވެހި ރައްޔިތުންގެ ތެރެއިން މާލޭގައި ދިރުއުޅޭ މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމާ ހަމަޔަށް ފާތުވެގެންދާ ދުވަސްތަކުގައި ކުލީގެ ގޮތުގައި އެ ފަރާތްތަކުން ހަރަދު ކުރަން ޖެހިފައިވާ ފައިސާގެ އަދަދު އިންސާފުވެރިކަމާއެކު ބަލައި، އެ އަދަދުގެ 70 އިންސައްތަ ސަރުކާރުން އެ ފަރާތްތަކަށް ލިބިގެން ދާނެ ގޮތުގެ ހަރުދަނާ އިންތިޒާމްތަކެއް މިހާރުން މިހާރަށް ހަމަޖައްސަވައި އެމަގުން އަމަލު ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރުމަށް،" ގަރާރު ހުށަހަޅުވަމުން ޖާބިރު ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދެވެ. އަދި މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި 20،000 ހައުސިން ޔުނިޓްގެ އެޅުމަށް 600 މިލިއަން ރުފިޔާ ހިމަނާފައެވެ.

comment ކޮމެންޓް