ގަރުނެއް ކުރީން ބާމިއުޑާ ޓްރައިއޭންގަލަށް ގެއްލުނު ބޯޓެއް ފެނިއްޖެ

ގެއްލިފައިވާ ބޯޓު އެސްއެސް ކޮޓޮޕެކްސީ ފެނިފައިވަނީ އެ ބޯޓު ހޯދުމަށް އުޅުނު ޑައިވަރަކަށް --- ފޮޓޯ : ސްކައި ނިއުސް

އެތައް ބަޔަކަށް އެނގޭ ބާމިއުޑާ ޓްރައިއޭންގަލް ކައިރީން ގާތްގަނޑަކަށް މީގެ ގަރުނެއް ކުރީން ގެއްލިފައިވާ މަޝްހޫރު ބޯޓު "އެސްއެސް ކޮޓޮޕެކްސީ" ކަމަށް ގަބޫލުކުރެވޭ ބޯޓު ފެނިއްޖެ އެވެ.

އެ ބޯޓު ހޯދުމުގައި މަސައްކަތްކުރި ރިސާޗަރު އަދި ޑައިވަރެއް ކަމަށްވާ މައިކަލް ބާނެޓް ބުނެފައިވަނީ މީގެ ކުރީން ގިނަ ޑައިވްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ބޯޓު ފެނުނު ދަތުރަކީ ވަރަށް ހާއްސަ ޑައިވެއް ކަމަށް ބާނެޓް ފާހަގަކުރިއެވެ.

އެންމެ ފަހުން އެ ބޯޓު ފެނިފައިވަނީ އެމެރިކާގެ ފްލޮރިޑާ ކައިރީ ސަރަހައްދަކުންނެވެ.

ބާމިއުޑާ ޓްރައިއޭންގަލް އަށް ގެއްލުނު ކަމަށް ބުނާ އެސްއެސް ކޮޓޮޕެކްސީ -- ފޮޓޯ : ދަ ޕެސިފިކް ސްޓީމް ނެވިގޭޝަން

ޕޮޕް ކަލްޗާ އާއި މީމްތަކުގައިވެސް މަޝްހޫރު އެ ބޯޓުގެ ވާހަކަތައް އެތައް އަހަރުތަކެއް ވީއިރުވެސް މީހުން ދައްކައެވެ. އެ ބޯޓު ގެއްލިގެން އެތައް އަހަރުތަކެއް ފަހުން ބާމިއުޑާ ޓްރައިއޭންގަލް ސަރަހައްދުން އެ ބޯޓު ފެންނަ ކަމަށް ދެކެވޭ ވާހަކައަކީ އެ ބޯޓު އެހާބޮޑަށް މަޝްހޫރުވި ސަބަބެވެ.

"ގޯސްޓް ޝިޕް"ގެ ނަމުން މަޝްހޫރުވެފައިވާ އެ ބޯޓު ގެއްލިފައިވަނީ 29 ނޮވެމްބަރު 1925 ގައެވެ. އެ ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކެރޮލައިނާއިން ކިއުބާއަށެވެ. ނަމަވެސް އެއްވެސް ހަބަރެއް ނުވެ ކުއްލިއަކަށް އެ ބޯޓާއި އެ ބޯޓުގެ 32 ކްރޫއިން ވަނީ ގެއްލިފައެވެ. އަދި އެ ބޯޓުގައި ތިބި 32 މީހުންގެ މައުލޫމާތު ބަޔަކަށް ނޭނގުމަކީވެސް އެ ބޯޓު އިތުރަށް މަޝްހޫރުވި ސަބަބެކެވެ.

comment ކޮމެންޓް