ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވޭ

ރަށެއްގައި މަގުމަތީ އަންހެނުންތަކެއް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާކަމަށް ޔުނިސެފުން ބުނެފިއެވެ.

ރާއްޖޭގައި 2016-2017 އާ ދެމެދު ކުރިއަށް ގެންދިޔަ ޑިމޮގްރެފިކް އެންޑް ހެލްތު ސާވޭއާ ހަވާލައިދީ، ޔުނިސެފުން ބުނީ ރާއްޖޭގެ އެންމެ ގިނައިން ހިތާނުކޮށްފައިތިބީ މިހާރު އުމުރުން 45 - 49 އަހަރުވެފައި ތިބި އަންހެނުން ކަމަށެވެެ. އެ އުމުރުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ފަހުގެ ޖީލްތަކުގައި ހިތާނުކުރުން އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައިވާކަމަށްވެސް ބުނެފައިވެއެވެެ.

އެންމެ ގިނައިން ހިތާނުކޮށްފައިވަނީ މާާލެ ސަރަހައްދާއި ދެކުނުގެ އަތޮޅުތަކުގައި ކަމަށް ދިރާސާގައި ބުނެފައިވެއެެވެ.

އެ ދިރާސާގައި ބައިވެރިވި އުމުރުން 15 އަހަރާއި 49 އަހަރުގެ މީހުންގެ ތެރެއިން އަންހެނުން ހިތާނުކުރުމަކީ ދީނީކަމެކަމަށް ދެކެނީ އެންމެ 10 ޕަސެންޓް މީހުންކަމަށް ބުނެފައިވެއެެވެ.

ދާދިފަހުން އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދުނު މައްސަލައެއްވެސް ފެންމަތިވެއެެވެ. ނަމަވެސް ފަހުން ހެލްތު މިނިސްޓްރީން ވަނީ އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީވެސް ބާތިލްކޮށްފައެެވެ.

އަންހެނުން ހިތާނުކުރުމުގައި އިސްލާމީ އެއްވެސް އަސާސެއް ނެތްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް