ކުޅިވަރު އެސޯސިއޭޝަންތައް ނައިބު ރައީސްގެ އަރިހަށް

ކުޅިވަރު އެސޯސިއޭަޝަންތަކުގެ އިސްވެރިން ނައިބު ރައީސްއާ ބައްދަލު ކުރައްވަނީ --- ފޮޓޯ// ރައީސް އޮފީސް

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ދިމާވާ ކަންބޮޑުވުންތަކާ ބެހޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ކުޅިވަރުތައް ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސްގެ އިތުރުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރަށް ގިނަ ގުނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއްކަން ފާހަގަކުރައްވާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބް ޖަމުޢިއްޔާތަކާއި އަމިއްލަ ފަރުދުން އަދި ކުޅިވަރު ކުޅުންތެރިން މި ކާމިޔާބީ ހާސިލުކުރުމުގައި ކުރެއްވެވި ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

އަދި އެހެންމެ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުންކަމުގައި ވާއިރު ކުޅިވަރު ކުރިއެރުވުމަކީ މިސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ދާއިރާއެއްކަމަށް ވެސް ނައިބު ރައީސް ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފަ އެވެ

މީގެ އިތުރުން ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައްޔާއި، ދިމާވާ އެކި ކަހަލަ މައްސަލަތަކާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުން މުހިންމު ދައުރެއް އަދާކުރެއްވޭނެކަން ފާހަގަކުރައްވާ އެންމެން ގުޅިގެން މުޖުތަމަޢަށް ފައިދާކުރަނިވި ގޮތަކަށް މަސައްކަތްކުރެއްވުމަށް ވަނީ އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކުޅިވަރު ކުރިއެރުވުމުގައި އެސޯސިއޭޝަންތަކަށް ދިމާވާ ދަތިތަކާއި، އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ. މިގޮތުން ތަޢުލީމީ ދާއިރާގައި ސްކޫލް ކުދިންނާ ގުޅޭ ކުޅިވަރާބެހޭ މުހިންމު ނިންމުންތައް ނިންމުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަހެއް ހޯދުމުގެ މުހިންމުކަން އެންމެހައި ބައިވެރިން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާއަށްފަހު، ކުޅިވަރު އެސޯސިއޭޝަންތަކުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ޙައްލުހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ނައިބު ވަނީ ދެއްވަވާފަ އެވެ.

comment ކޮމެންޓް